ހޮލީވުޑްގެ ކާމިޔާބު ތަރި ޖަސްޓިން ޓިމްބާލޭކް ހައްޔަރު ކުރެވުނީ އޭނާގެ އެއްވެސް ކުށެއްނެތި ކަމަށާއި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދަން ޖެހޭ ކަމަށް އޭނާގެ ވަކީލު ބުނެފި އެވެ.

މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ނިޔު ޔޯކްގެ ލޯންގް އައިލެންޑުން ޖަސްޓިން ހައްޔަރު ކުރެވުނީ އޭނާ ދުއްވަމުން ދިޔަ އުޅަނދު ޓްރެފިކް ފުލުހުންގެ އަމުރަށް މަޑު ނުކުރުމުންނެވެ.

އެއާއެކު ޖަސްޓިންގެ މައްޗަށް ފުލުހުން ވަނީ މަސްތުގެ ހާލަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ކުށުގެ ދައުވާ އުފުލައި އެ މައްސަލަ ޝަރީއަތަށް ހުށައަޅާފަ އެވެ.

އެހެން ނަމަވެސް ޖަސްޓިންގެ ވަކީލު އެޑްވާޑް ބޫރްކް ވަނީ ޖަސްޓިން ހައްޔަރު ކުރެވުނުއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ނޫންކަން ސާބިތުވެފައިވާ ކަމަށާއި އެހެން ކަމުން އޭނާއަށް ކުރެވުނު ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

އެއާއެކު އެ މައްސަލާގައި ފުލުހުން ކޯޓަށް ހުށައެޅި ލިޔެކިޔުންތަކުގައި ވެސް ފުށުއެރުންތަކެއް ހުރިކަން ފާހަގަކޮށް އެޑްވާޑް ވަނީ ފުލުހުންނަށް ފާޑުކިޔާފަ އެވެ.

ފުލުހުންގެ ލިޔެކިޔުންތަކުގައި ބުނެފައިވަނީ ޖަސްޓިން ހައްޔަރު ކުރެވުނުއިރު އޭނާގެ ލޯ ރަތް ކަމަށާއި އޭނޫނަސް މަސްތުގެ ހާލަތުގައި ހުރިކަމުގެ ނިޝާންތައް އޭނާގެ ފަރާތުން ފެނުނު ކަމަށެވެ.

އެ މައުލޫމާ ދޮގުކޮށް އެޑްވާޑް ބުނީ މައްސަލަ ރެކޯޑް ކުރުމުގައި ފުލުހުންނަށް ބޮޑެތި ގޯސްތަކެއް ހެދިފައިވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ޝަރީއަތުން ބޭރު ކުރަންޖެހޭ ކަމަށެވެ.