ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދުގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ހަބަރުތައް ފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

މި ހަބަރުތަކުގެ ތެރެއިން އެ ދެމީހުން އެކުގައި ބޭރުތެރެއިން ފެނުމާއެކު އެ ހަބަރުތަކަކީ ދޮގެއްކަން ހާމަވެ ރިތިކްއާއި ސަބާ އަދިވެސް އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަން ވަނީ ޔަގީންވެފަ އެވެ.

އެގޮތުން ރިތިކްއާއި ސަބާ ވަނީ މިދިޔަ އާދީއްތަ ދުވަހު އެކުގައި ފިލްމެއް ބަލަން ގޮސްފަ އެވެ. އެ މީހުން އެކުގައި އުޅެނިކޮށް މީޑިއާއަށް ފެނި ފޮޓޯތައް ވެސް އާއްމުވެފައިވެ އެވެ.

ރިތިކްއާއި ސަބާ ވަކިވި ކަމަށް ބުނެ ފެތުރެމުން އައި އަޑުތައް ގަދަވީ ދާދި ފަހުން ބޭއްވި އާނަންތު އަމްބާނީގެ ކައިވެނި ހަފްލާއަށް ރިތިކްއާއެކު ސަބާ ނުދިޔުމުންނެވެ.

އެހެން ނަމަވެސް އެ ދެތަރިން އަނެއްކާ ވެސް އެކުގައި ފެނުމުން އެ ހަބަރުތަކަށް ނިމުމެއް އައިސްފައިވާއިރު އެކަން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާހަގަ ކުރަމުންނެވެ.

ރިތިކްއާއި ސަބާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާއްމުކޮށް ހާމަވެފައިވަނީ ރިތިކްއާއި އޭނާގެ ކުރީގެ އަންހެނުން ސުޒޭން ޚާންގެ ކައިވެނި ރޫޅުނު ފަހުންނެވެ.