ބޮލީވުޑްގެ އަރަމުން އަންނަ ތަރި އާރްޔަން ޚާން، 37 ކްރޯޑްގެ އަގުބޮޑު އެޕާޓްމަންޓްތަކެއް ގަނެ އޭނާގެ މިލްކިއްޔާތަށް ބޮޅެއް އިތުރު ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އާރްޔަން ވަނީ އިންޑިއާގެ ވެރިރަށް ދިއްލީގެ މުހިއްމު ސަރަހައްދެއްގައި ހުންނަ އިމާރާތެއްގެ ދެ ފަންގިފިލާ އެއްކޮށް ގަނެފަ އެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ އެ އިމާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާއަކީ އާރްޔަންގެ މައިންބަފައިން، ޝާހްރުކް ޚާން އާއި ގައުރީ ޚާން ގަނެފައިވާ ދެ ފަންގިފިލާ ކަމެވެ.
އެ އިމާރާތަކީ ޝާހްރުކް ޚާން އާއި ގައުރީ ޚާންގެ ކައިވެނީގެ އެންމެ ފުރަތަމަ ދުވަސްވަރު އެކުގައި އުޅުނު އިމާރާތް ކަމަށް ހަބަރުތައް ބުނެ އެވެ.
އާރްޔަންގެ މިލްކިއްޔާތުގެ ތެރޭގައި މިހާރުވެސް އަގުބޮޑު ގެތަކާއި ކާރުތަކުގެ އިތުރުން ގަޑިތަކާއި އެނޫން ވެސް އަގުހުރި މުދާތައް ހުރިކަން ފާހަގަކުރެވެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު އާރްޔަން މިހާރު އަންނަނީ އޭނާ އެންމެ ފުރަތަމަ ޑައިރެކްޓްކުރާ ފިލްމު "ސްޓާޑަމް"ގެ މަސައްކަތްތައް ކުރަމުންނެވެ.
އެ ފިލްމުގައި ހާއްސަ ފެނިލުމަކުން ފެނިލުމުގެ ޝައުގުވެރިކަން އޭނާގެ ބައްޕަ ޝާހްރުކް ޚާން ފާޅުކުރި ނަމަވެސް ބައްޕަގެ ހިޔަނީގައި ކާމިޔާބީ ހޯދަން ބޭނުންނުވާ ކަމަށް ބުނެ އާރްޔަން ވަނީ އެ ހުށައެޅުން ދޫކޮށްލައިފަ އެވެ.