މި އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ދިވެހިރާއްޖޭގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރުމަށް ރާއްޖެއާއެކު، އިންޑިއާ އިން ވެސް ބިޑްކުރި އެވެ. ރާއްޖޭގެ ބިޑް ކާމިޔާބުވެފައިވާކަން އޭއެފްސީން ވަނީ މިއަދު ކަށަވަރުކޮށްދީފަ އެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން، އޭއެފްސީން ނިންމާފައިވަނީ މި އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް އެއް ޤައުމެއް ކުޅޭ ގޮތަށެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ޑީގައި ރާއްޖެ ތަމްސީލުކުރާނީ ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާ އެވެ. ގުރޫޕް ސްޓޭޖުގައި ދެން ވާދަކުރާނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާނެވެ. ގުރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ބުރުން ކުރި ހޯދާ ޓީމަށެވެ.

ކްލަބް އީގަލްްސް ވާދަކުރާނީ ކޮލިފައިން ބުރުގަ އެވެ. ގުރޫޕް ސްޓޭޖުގެ ޖާގައަކަށް އީގަލްސްއާ ވާދަކުރާނީ އިންޑިއާގެ ބެންގަލޫރު، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ، ނޭޕާލްގެ އާމީ ކްލަބް، ސްރީލަންކާގެ ޕޮލިސް ކްލަބް އަދި ބޫޓާންގެ ތިމްޕޫ ސިޓީ އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ނިންމައި، އޭއެފްސީން ހުޅުވާލި ބިޑް ރާއްޖޭން ކާމިޔާބުކުރި އެވެ. އެކަމަކު ކޮޑިވްގެ ހާލަތާ ގުޅިގެން އޭއެފްސީން ވަނީ އެ މުބާރާތް ކެންސަލްކޮށްފަ އެވެ.

މި އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 14 އިން 20އަށެވެ.