ކަރަންޓް ބިލުތައް އިންތިހާއަށް ބޮޑުވެ އަނެއްކާވެސް ރައްޔިތުންގެ ޝަކުވާ އިތުރުވުމުން ސްޓެލްކޯ އިން ހަކަތައިގެ އޮޑިޓެއް ހަދަން ނިންމައިފި އެވެ.

އެއްމަހުން އަނެއްމަހަށް ކަރަންޓް ބިލް ބޮޑުވަމުން ގޮސް އަތްނުފޯރާފަށަށް ކަރަންޓް ބިލްތައް ބޮޑުވެ، އެތައްބަޔަކު ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. ބައެއް ގޭގޭގައި ހާހުން ދަށުން ބިލް އަންނަ ގެތަކަށް ދެހާހުން މަތީގެ ބިލް އައިސްފައިވާ ކަމަށް ބުނެ އެވެ. މިފަދަ އެތައް ޝަކުވާތަކާއެކު އެތައް ބަޔަކުވަނީ އެކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި ހިއްސާކޮށްފަ އެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ މިދިޔަ މަހާ އަޅާބަލާއިރު 94 އިންސައްތަ ގޭބިސީގެ ކަރަންޓް ބިލު ކުޑަކަމަށެވެ. ނަމަވެސް މާލޭގެ ހަ އިންސައްތަ އަދި ހުޅުމާލޭގެ 15 އިންސައްތަ ގޭގެ ކަރަންޓް ބިލް އިންތިހާއަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

ޝަކުވާތަކާއި ގުޅިގެން ސްޓެލްކޯއިން އެ ގޭބިސީތަކަށް ގޮސް އެނާޖީ އޯޑިޓެއް ހަދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ނިންމީ ޓީމެއް ފޮނުވައިގެން ބިލް ބޮޑުވާ ހުޅުމާލެގެ 15 އަދި މާލެ ހަ އިންސައްތަ ގޭބިސީތަކުގެ އެނާޖީ އޮޑިޓެއް ހަދަން. ސްޓެޓިސްޓިކަލީ ބަލާނަން ވިޒިޓް ކުރާނީ ކޮން ގޭބިސީތަކަކަށްކަން. ވިޒިޓްކޮށް އެތަންތަނުގެ ހާލަތު ބަލައި، އެ ތަންތަނުގައި ބޭނުންކުރަނީ ކޮންކަހަލަ އާލާތްތަކެއްތޯ، އެއާ ކޮންޑިޝަންތަކެއްތޯ އަދި ބޭނުންކުރާ ޖުމްލަ އެޕާޓްމަންޓްތަކުގެ އިންސިއުލޭޝަން ހުރީ ކިހިނެތްތޯ ބަލައި، އެ ކަސްޓަމަރުންނަށް އަޅުގަނޑުމެން ބޭނުންވަނީ އެ މައުލޫމާތު ދޭން، އަދި ހަރަދު ކުޑަކުރެވޭނެ ގޮތްތައް ބުނެދޭން" ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން އިން ކަރަންޓް ބިލް ބޮޑުކުރަން އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ނޫސްވެރިންގެ ބައްދަލުވުމުގައި ދީފައިވެ އެވެ. ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ބިލިންގް އިންޓަގްރިޓީއާ މެދު ޔަގީންކަށް އެބައޮތް ކަމަށާއި ބިލިން ސިސްޓަމް ބަލަން ބޭނުންވާ މުއައްސަސާތަކަށް ސްޓެލްކޯއަށް ޒިޔާރަތްކޮށް ބެލުމުގެ އިންތިޒާމު ހަމަޖައްސާ ދެވިދާނެކަމަށެވެ.

ސްޓެލްކޯއިން މިފަހަރުވެސް ކަރަންޓް ބިލް ބޮޑުވުމަކީ ރައްޔިތުންގެ މައްސަލައެއްކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކާފައިވާއިރު ކަރަންޓް ބޭނުންކުރާ މިންވަރަށް އަދި ގޭގައި އުޅޭ މީހުންގެ އަދަދަށް ބަދަލެއް ނާންނަ ގޭގޭގައިވެސް ކަރަންޓް ބިލް ބޮޑުވާ މައްސަލާގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.

ފާއިތުވި ރޯދަ މަހާއި މަޖިލިސް އިންތިހާބު ދުވަސްވަރު ދިމާވުމުން ރައީސް މުއިއްޒު ވަނީ ކަރަންޓް ބިލުން ޑިސްކައުންޓް ދެއްވާފަ އެވެ. އެފަހަރު ބިލްތައް ކުރިއަށް ވުރެން ދެގުނަ ބޮޑުވުމުން ޝަކުވާ ގިނަވެ ޑިސްކައުންޓް ދެއްވުމުން ކުރިން ދައްކާވަރަށް ބިލް ތިރިވިކަން ބައެއް މީހުން ފާހަގަ ކުރި އެވެ. ނަމަވެސް މިދުވަސްވަރު އިންތިހާބެއް ނެތުމުން ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް ނީވޭކަމަށް، ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.