ޝާހްރުކް ޚާންއަކީ އިންޑިއާގެ އިތުރުން މުޅި ދުނިޔެއަށް ވެސް މަޝްހޫރު ތަރި އެކެވެ. އޭނާއަށް ލޯބިކުރާ އެތައް ހާސް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭއިރު އޭގެ ތެރޭގައި އެހެން ގައުމުތަކުގެ މަޝްހޫރު ޝަހްސިއްޔަތުން ވެސް ހިމެނެ އެވެ.

އެގޮތުން ޝާހްރުކް ޚާންއާއި އޭނާގެ މަސައްކަތްތަކަށް އޮތް ލޯބި ފާޅުގައި ހާމަކުރާ މަގުބޫލު އެއް ޝަހްސިއްޔަތަކީ ކުރީގެ ރެސްލިން ޗެމްޕިއަން އަދި ހޮލީވުޑް އެކްޓަރު ޖޯން ސޭނާ އެވެ. މިދިޔަ މަހު އޮތް އާނަންތު އަމްބާނީގެ ކައިވެނީގެ ތެރެއިން މި ދެތަރިން އެކަކު އަނެކަކާ ބައްދަލުވެ ސަލާން ގަލާން ކޮށްފައިވާއިރު ޖޯން ވަނީ އެ ތަޖުރިބާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖޯން ބުނީ ޝާހްރުކް ޚާންއަކީ އޭނާގެ ހަޔާތަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާ ފަރާތެއް ކަމަށާއި އެހެން ކަމުން އޭނާއާ ސަލާން ކޮށްލުމުގެ ފުރުސަތު ލިބުންވީ "ޖަޒުބާތީ" ތަޖުރިބާއަކަށް ކަމަށެވެ.

އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ސަބަބުން އޭނާގެ ހަޔާތަށް އެދެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެއީ އެފަދަ ހިތްވަރަކަށް ބޭނުން ޖެހިފައިވި ވަގުތެއް ކަމަށް ވެސް ޖޯން ބުންޏެވެ.

"ޝާހްރުކް ޚާންއަކީ ވަރަށް ހިތްތިރި، މަޑުމައިތިރި މީހެއް. އޭނާ އަހަރެންގެ ވާހަކަތައް ފަރުވާތެރިކަމާއެކު ވަރަށް ކަނުލާ އަޑުއަހައި ރަނގަޅު ޚިޔާލުތަކެއް ދިން،" ޖޯން ބުންޏެވެ.

މި ބައްދަލުވުމުގެ ކުރިން ވެސް ޖޯން ވަނީ އެކި ފަހަރު މަތިން އޭނާގެ ހިތުގައި ޝާހްރުކް ޚާންއަށް ދެވިފައިވާ ގަދަރާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.