ޕްރިޔަންކާ ޗޯޕްރާއަކީ ބޮލީވުޑުން ހޮލީވުޑަށް އޭނާގެ މަސައްކަތް ބަދަލުކުރި ކާމިޔާބު އެކްޓަރެކެވެ. ބޮލީވުޑްއެކޭ އެއްގޮތަށް ހޮލީވުޑްގައި އޭނާ ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތަކަކީ ވެސް އާއްމުންގެ ސަމާލުކަން ހޯދާ މަސައްކަތްތަކެކެވެ.

އެގޮތުން އެންމެ ފަހުން ޕްރިޔަންކާ ކޮށްފައިވާ މަސައްކަތަކީ ހޮލީވުޑްގެ ޑްރާމާ ފިލްމް "ދަ ބްލަފް"ގެ މަސައްކަތެވެ. އެ ފިލްމުގެ ވަނީ މިހާރު ނިންމާލާފަ އެވެ. އެގޮތުން ޝޫޓިން ނިންމުމަށްފަހު ޕްރިޔަންކާގެ އިތުރުން ކާލް އާބަން ފަދަ ފިލްމުގެ އެހެން ތަރިން ބައިވެރިވި ޕާޓީއެއް ވަނީ ބާއްވާފަ އެވެ.

އެ ޕާޓީގެ ތެރެއިން ނަގާފައިވާ ފޮޓޯތައް މިހާރު އިންޓަނެޓުގައި ދައުރުވަމުން އަންނައިރު އެ ފޮޓޯތަކުން ޕްރިޔަންކާއާއި ކާލް ފެނިގެންދެ އެވެ.

ފްރޭންކް ފްލާވާސް ލިޔެ ޑައިރެކްޓްކުރާ އެ ފިލްމުގައި ޕްރިޔަންކާއާއި ކާލްގެ އިތުރުން އިސްމާއެލް ކޮރްޑޯވާ އަދި ސާފިއާ ގްރީން ވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގެ ޝޫޓިން ނިމި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ފެށިފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ފިލްމު ރިލީޒް ކުރާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.