.ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވިއިރު ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކުގެ ތުހުމަތުތަކުގައި ދައުވާކޮށްފައިވާ މުހައްމަދު ނިމާލު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވައިފި އެވެ

އެލްޖީއޭގެ ސީއީއޯ ކަމަށް ނިމާލު ހަމަޖައްސަވާފައި ވާކަން ހާމަކުރެއްވީ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފު އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވަނީ ސީއީއޯގެ މަގާމަށް ނިމާލު އައްޔަންކުރެއްވުމުން މަރުހަބާ ދަންނަވާ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ޑިސެމްބަރު 2022 ގައި ނިމާލުގެ މައްޗަށް ދައުވާކޮށްފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނަކަ އެމްޑީއަކަށް ހުންނެވިއިރު އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތާ އެއްގޮތަށް ތަކެތި ފޯރުކޮށް ނުދެވުމުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 2.54 މިލިއަން ރުފިޔާ އުނިނުކޮށް، އެ ކުންފުނިތަކަށް ފައިސާ ދިނުމުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައި ވާތީ އެވެ.

މީގެ އިތުރުން ވެސް ނިމާލުގެ މައްޗަށް އެތައް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި މަރްޔަމް ޒުލްފާ ވަނީ އިއްޔެގެ ވަގުތެއްގައި ކުއްލިގޮތަކަށް މަގާމުން ވަކިކުރައްވާ ފޮރިން މިނިސްޓްރީ އަށް ބަދަލު ކުރައްވާފަ އެވެ.

ނިމާލު އެންމެފަހުން ހުންނެވީ މާލެ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމުގަ އެވެ. ނަމަވެސް ޑިސެމްބަރު މަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.