ޖެނިފާ ލޮޕޭޒް (ޖޭލޯ)އާއި ބެން އެފްލިކްގެ ވަރީގެ މައްސަލަ ކޯޓަށް ހުށައަޅާފައިވާއިރު އެ މައްސަލައިގެ އަޑުއެހުންތައް ވީހާވެސް ފަސްކުރަން ޖޭލޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑު އަރައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖޭލޯ އެ މައްސަލަ ފަސްކުރަން މަސައްކަތް ކުރަނީ އެކަމުގެ ސަބަބުން އޭނާއަށް މިހާރުވެސް ފުރައްސާރައާއި މަލާމާތް އަމާޒުވެފައވާތީ އެކަންކަން މަދު ކުރުމަށެވެ.

އެގޮތުން ބެން ކައިވެނި ރޫޅާލަން ނިންމުމުން ޖޭލޯ އެކަމާ ރުޅި އައިސްފައިވާ ކަމަށާއި ބެންގެ ސަބަބުން އޭނާއަށް ލަދުވެތިކަމާއި މަލާމާތް ލިބޭތީ އެކަމާ ވެސް ހިތްހަމަނުޖެހިފައި ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

ހަބަރުތައް މިހެން ބުނިނަމަވެސް ޖޭލޯ ވަރިވުން ފަސްކުރާތީ އެ ދެމީހުންގެ މެދުގައި ޖެހިފައިވާ މައްސަަލަ ހައްލުވެ ވަރިވާން ނިންމި ނިންމުން ބަދަލު ކުރީ ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނަން ފަށާފަ އެވެ.

އެ ދެމީހުން އެކަކު އަނެކަކަށް ގުޅައި ވާހަކަ ދައްކާ ކަމަށާއި ޖެހިގެން އުޅޭ މައްސަލަ ހައްލުވެފައިވާ ކަމުގެ ނިޝާންތައް ފެންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މީގެ އިތުރުން މުޅި މައްސަލާގައި ޖެނިފާއާއި ބެންގެ ދަރިން ވެސް ޝާމިލު ކޮށްފައިވާތީ އެކަމާ ވެސް ޖެނިފާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.