ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ވިސާ ކަންކަމުގައި އިނގިރޭސި ވިލާތުން އަމަލުކުރީ ރަނގަޅަށް ނޫން ކަމަށް އޭނާ ބުނެފި އެވެ.

މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ސަންޖޭ ބުނީ ވިސާއަށް ބޭނުންވާ ހުރިހާ ލިޔެކިޔުމަކާއި ފައިސާ އިނގިރޭސިވިލާތުގެ އިދާރާތަކަށް ހުށައަޅާފައިވާނެ ކަމަށާއި އެންމެ ފުރަތަމަ އޭނާއަށް ވިސާ ލިބުނު ވެސް ކަމަށެވެ.

"ކުރަންޖެހޭ ހުރިހާ ކަމެއް ކުރިން. ގާނޫނުތައް ތަންފީޒު ކުރަން އެމީހުން ފެށީ އެންމެ ފުރަތަމަ ވިސާ ލިބުނުތާ މަސް ދުވަސް ފަހުން،" ސަންޖޭ ބުންޏެވެ.

ހަބަރުތައް ބުނާ ގޮތުގައި ސަންޖޭގެ ވިސާ އެޕްލިކޭޝަން އިނގިރޭސިވިލާތުން ގަބޫލު ނުކޮށް ފޮނުވާލާފައިވަނީ 1993 ވަނަ އަހަރު ސަންޖޭއަށް ކުރެވުނު ޓެރަރިޒަމްގެ ތުހުމަތުތަކާ ގުޅިގެންނެވެ.

"ސަން އޮފް ސަރްދާރް 2"ގައި މުހިއްމު ރޯލެއް ސަންޖޭއަށް ލިބުނު ނަމަވެސް ފިލްމުގެ ޝޫޓިންއަށް ދާން އޭނާއަށް ވިސާ ނުލިބުމުން ފިލްމުގެ ޕްރޮޑިއުސަރުން ވަނީ އޭނާގެ ބަދަލުގައި އެ ރޯލަށް ރަވީ ކިޝަން ހަމަޖައްސައިފަ އެވެ.

ވިސާގެ ސަބަބުން ސަންޖޭއަށް އެ ފިލްމުގެ ލީޑު ރޯލު ގެއްލުނު ނަމަވެސް ފިލްމުގައި ހާއްސަ ފެނިލުމަކުން އޭނާ ފެނިދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.