އަމިއްލަ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ އޮފިޝަލަކާ ހަމަނުޖެހުން ހިންގުމުން މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޓްރެވިސް ސްކޮޓް ހައްޔަރުކޮށްފި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިސްގެ ފަސް ތަރީގެ ހޮޓަލެއްގައި ހިނގި މި ހަމަނުޖެހުމުގެ ސަބަބެއް މީޑިއާއަށް އެނގިފައިނުވި ނަމަވެސް ޓްރޭވިސް އާއި އޭނާގެ ބޮޑީގާޑް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ހުކުރު ދުވަހުގެ ހެނދުނު ޓްރެވިސް ހައްޔަރު ކުރެވިފައިވާ ކަމަށާއި ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ޕެރިސްގެ ޕްރޮސިކިއުޓާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. .
މިކަމާ ގުޅިގެން ޓްރެވިސްގެ އެޖެންޓުން ބުނީ ޕެރިސްގެ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އިތުރު މައުލޫމާތު ލިބެމުންދާވަރަކަށް ހިއްސާ ކުރާނެ ކަމަށެވެ.
ހަބަރުތައް ބުނާ ގޮތުގައި ޓްރެވިސްއަށް އެއްވެސް ދައުވާއެއް ކުރަން އިދާރާތަކުން ގަސްދުނުކުރާއިރު ވަރަށް އަވަހަށް އޭނާ ދޫކޮށްލާނެ އެވެ.
މިހާރު ފްރާންސްގައި ކުރިއަށްދާ އޮލިމްޕިކްސް ގޭމްސް ބަލަން ޕެރިސްއަށް ދިޔަ ޓްރެވިސް ވަނީ އޮލިމްޕިކްސްގެ ބައެއް އިވެންޓުތަކުގައި ފެނިފަ އެވެ.