މިދިޔަ ހޮނިހިރު ދުވަހު ސްވިޓްޒަލޭންޑުގެ ލޮކާނޯގައި އޮތް ލޮކާނޯ ފިލްމު ފެސްޓިވަލްގެ ރަތް ދޫލައިގައި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން އުމުރުން ދުވަސްވީ މީހަކު ކޮއްޕާލި ކަމަށް ބުނެ އޭނާއަށް ފާޑުކިޔަމުން އެބަދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯގައި ފެންނަނީ ޝާހްރުކް ޚާން ރަތް ދޫލައިގައި ފޮޓޯއަކަށް ހުއްޓިގެން ހުންނައިރު ކައިރީގައި މީހަކު ހުއްޓަ އެވެ.
މީޑިއާގެ އޮފިޝަލުން އެމީހާގެ ކިބައިން ދުރަށް ދާން އެދުމުން ޝާހްރުކް ޚާން ވަނީ އެ މީހާގެ ގައިގައި އަތް ޖައްސާލައި ދުރަށް ދާންވީ ކޮޅަށް އިޝާރާތް ކޮށްފަ އެވެ.
މި ވީޑިއޯއާއެކު ބައެއް މީހުން އެއީ ޝާހްރުކް ޚާންގެ މަޖާ މިޒާޖު ކަމަށް ބުނަމުން އަންނައިރު އަނެއްބަޔަކު އަންނަނީ އުމުރުން ދުވަސްވީ މީހަކު ކޮއްޕާލީތީ އޭނާއަށް ފާޑުކިޔަމުންނެވެ.
ލޮކާނޯ ފިލްމު ފެސްޓިވަލްއަށް ޝާހްރުކް ޚާން ގޮސްފައިވަނީ އޭނާއަށް އެ އެވޯޑުގައި އެރުވި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިގަތުމަށެވެ.
އެވޯޑް ބަލައިގަތުމަށްފަހު ޝާހްރުކް ޚާން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް ލިބޭ ލޯތްބަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ. ޝާހްރުކް ޚާންއަކީ އެ އެވޯޑް ލިބުނު އިންޑިއާގެ އެންމެ ފުރަތަމަ ފަންނާނެވެ.