މަޝްހޫރު މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ ކައިލީ ޖެނާއަށް 27 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

އޮގަސްޓް މަހުގެ 10 ވަނަ ދުވަހު 27 އަހަރު ފުރުނު ކައިލީ ވަނީ ނިމިދިޔަ ހަފްތާ ބަންދުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ވީކެންޑް ޕާޓީއެއް ބާއްވާފަ އެވެ. އެ ޕާޓީގެ ބައެއް ފޮޓޯތައް ކައިލީ އޭނާގެ ސޯޝަލް މީޑިއާގައި މިހާރު އާއްމުކޮށްފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން އެ ޕޯސްޓަށް އަންނަނީ ލިބެމުންނެވެ.

އެ ފޮޓޯތަކާއެކު ކައިލީ ބުނެފައިވަނީ އޭނާ ހުރީ "ލޯތްބާއި ޝުކުރުން ފުރިފައި" ކަމަށާއި އޭނާއަކީ މިހާރު 30 އަހަރުގެ އަންހެނެއްގެ އިހުސާސް ކުރެވޭ ކަމަށެވެ.

ކައިލީގެ ޕާޓީގައި ބައިވެރިވި މަޝްހޫރު ތަރިންގެ ތެރޭގައި ހެއިލީ ބީބާ، ލޮރެން ޕެރޭޒް އަދި އެނެސްތޭޝިއާ ކަރަނިކޮލައު ހިމެނެ އެވެ.

މީގެ އިތުރުން ކައިލީގެ އާއިލާ މެމްބަރުން ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.