ސޯޝަލް މީޑިއާގައި މިހާރު ހަލުވިކަމާއެކު ދެކެވެމުންދާ ވާހަކަ ތަކަށް ބަލާއިރު، އިސްރާއީލުގެ އެކްޓްރެސް ގާލް ގަޑޯޓް ފާއިތުވި 7 އަހަރު މެޓް ގާލާ އިވެންޓުގައި ބައިވެރި ނުވީ 2019 ވަނަ އަހަރުގެ އިވެންޓުގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާލިޕާ އާއި އޭނާގެ ރައްޓެހިން އޭނާއާ ކުރިމަތިލައި، "ޒަޔަނިސްޓެއް" ކަމަށް ބުނެ ފައްސާލުމުން ކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

"އަހަރެން މެޓް ގާލާއަށް ނުދާތާ 7 އަހަރު ވެއްޖެ. ސަބަބަކީ އެންމެ ފަހުން ދިޔަ ފަހަރު، އަހަންނަކީ ޒަޔަނިސްޓަކަށްވީތީ ދުއާ ޑުއާލިޕާއާއި އޭނާގެ ރައްޓެހިން ފާހާނާ ތެރޭގައި އަހަރެން ވަށާލައި ފުރައްސާރަ ކުރުމުން." ގާލް ބުނި ކަމަށްވެ އެވެ.

މި ޕޯސްޓާއެކު ގޭލް އަދި ދުއާ ލިޕާގެ ފޮޓޯއެއް ހިއްސާ ކޮށްފައިވާއިރު، މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި މި ޕޯސްޓަށް 15 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.

ސޯޝަލް މީޑިއާގައި މި ވާހަކަ ވައިރަލްވި ނަމަވެސް، މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެކެވެ. ގޭލް ގަމިފަދަ ވާހަކައެއް ދެއްކި ކަމުގެ އެއްވެސް ރަސްމީ ރިޕޯޓެއް ނުވަތަ އޭނާގެ ބަޔާނެއް ނެތެވެ.

މީގެ އިތުރުން، އެއްވެސް އިތުބާރުހުރި ބައިނަލްއަގުވާމީ މީޑިއާއަކުން ނުވަތަ އިވެންޓުގައި ބައިވެރިވި މީހަކުވެސް މިފަދަ ހާދިސާއެއް ހިނގި ކަމަށް ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

މިއީ ދެ ތަރިންގެ ސިޔާސީ ވިސްނުމާއި އިޒްރޭލު-ފަލަސްތީނު މައްސަލައިގައި އޮތް ހިޔާލު ތަފާތުވުންތަކުގެ މައްޗަށް ބިނާކޮށް އާންމުން އަމިއްލައަށް އުފައްދާފައިވާ ފޭކް ޕޯސްޓެކެވެ.

މި ވާހަކަ މިހާ ބޮޑަށް ފެތުރެން މެދުވެރިވީ ދެ ތަރިންގެ ދެމެދުގައި އޮތް ސިޔާސީ އާންމު ވިސްނުމުގެ ސަބަބުންނެވެ. އިޒްރޭލުގެ އަސްކަރިއްޔާގައި އުޅެފައިވާ ގާލް ފާޅުގައި އިޒްރޭލަށް ތާއީދުކޮށް ވާހަކަ ދައްކާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.

އެއާ ހިލާފަށް ދުއާލިޕާއަކީ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކޮށް، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އުދުވާންތަކާ ދެކޮޅަށް ފާޅުގައި އަޑު އުފުލަމުންދާ ތަރިއެކެވެ.

އެހެން ކަމުން، ސޯޝަލް މީޑިއާގައި ދެކެވޭ މެޓް ގާލާގެ ކުރިމަތިލުމުގެ މައުލޫމާތަކީ މީހުން އަމިއްލައަށް ހަދައިގެން ފަތުރަމުންދާ ދޮގު ވާހަކަ ތަކެކެވެ.