ހަ ކިލޯގެ ޕާޓީ ޑްރަގު ރާއްޖެއަށް އެތެރެކުރަން އުޅުނު ނެދަލޭންޑްސް މީހަކު ހައްޔަރުކޮށްފި އެވެ.

ޒިޕްލޮކް ބޭގުތަކުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި ލަގެޖް ތެރެއިން ފެނިގެން ހައްޔަރުކުރީ ނެދަލޭންޑަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.

މި މީހާގެ އަތުގައި ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ހަ ކިލޯ ހުރި ކަމަށް، އެ މީހާގެ ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން ވަނީ މިމީހާ 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިމީހާ މުޖުތަމަޢަށް ދޫކޮށްފައި ބަހައްޓައިފިނަމަ މުޖުތަމަޢަށް ނުރައްކާވެދާނެކަމުގެ ފުރުސަތު ބޮޑުކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވުނު މުއްދަތު މަޖިލީހުގައި މިމީހާ ބުނެފައިވަނީ އޭނާ ރާއްޖެއަށް އައީ ޗުއްޓީހޭދަކުރުމަށް ކަމަށާއި މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާގެ ލަގެޖުކަމަށެވެ. ނަމަވެސް ލަގެޖަށް މަސްތުވާތަކެތި ލާފައިވަނީ އޭނާ ނޫންކަމަށާއި ލަގެޖް ޕެކްކުރި މީހުން ކަމަށާއި އޭނާއަށް އެއީ މަސްތުވާތަކެތި ކަން ނޭނގޭ ކަމަށެވެ