ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. ބަލިތަކުން ރައްކާތެރިވުމާއި އާއްމު ސިއްހަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ގަވާއިދުން ކަސްރަތު ކުރުމަކީ ޑޮކްޓަރުން އަބަދުވެސް ބާރުއަޅުއްވާ ކަމެކެވެ.
އެހެން ނަމަވެސް އުފެދޭ ސުވާލަކީ ހަމަ ކޮންމެ ދުވަހަކު ކަސްރަތު ކުރަންޖެހޭތޯ އުފެދޭ ސުވާލެވެ. މެދުނުކެނޑި ހަފްތާއަކު ހަތްދުވަހު ހަށިގަނޑަށް ކަސްރަތު ބޭނުންވޭތޯ އެވެ.
މި ސުވާލުގެ ޖަވާބުގައި މާހިރުން ބުރަވަނީ ކޮންމެ ދުވަހަކު ހަށިގަނޑަށް ކަސްރަތު ބޭނުންނުވާ ކަމަށެވެ. އެހެނެއް ކަމަކު ކަސްރަތު ކުރުމުގައި ހަށިގަނޑަށް އަރާމު ދިނުން މުހިއްމު ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
މެދުނުކެނޑި ކޮންމެ ދުވަހަކު ކަސްރަތު ކުރާނަމަ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މީހާ ވަރުބަލި ކޮށްލަ އެވެ. ނަތީޖާއަކަށްވަނީ "ބާން އައުޓްވެ ދިރިއުޅުމުގެ އެހެން ކަންކަމަށް ދޭންވާ ސަމާލުކަން ރަނގަޅަށް ނުދެވުމެވެ.
އެގޮތުން މާ ގިނައން ކަސްރަތު ކުރާނަމަ ވަރުބަލިވުމާއެކު މޫޑު ގޯސްވުން އަދި ޑިޕްރެޝަން ފަދަ ކަންކަން ވެސް ކުރިމަތިވާ ކަމަށް މާހިރުން ވިދާޅުވެ އެވެ.
އެހެން ކަމުން ކަސްރަތު ކުރުމުގައި މާހިރެއްގެ ލަފާގެ މަތިން ހަށިގަނޑަށް ބޭނުންވާ އަރާމު ލިބިގަތުމަށް "ރެސްޓް" ދުވަސް ނެގުމަކީ މުހިއްމު ކަމެކެވެ.