ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފްގެ އަމިއްލަ މޭކަޕް ބްރޭންޑް ކަމަށްވާ "ކޭ ބިއުޓީ"އަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އެބަދެ އެވެ.

އެ ބްރޭންޑް ސޯޝަލް މީޑިއާގައި "ޓްރެންޑިން" މައުޟޫއަކަށް ވެފައި މިވަނީ އެ ބްރޭންޑްގެ އައިލައިނާ ބޭނުންކުރި އަންހެނަކު ވާރެއާ ތެމުމުން ވެސް އައިލައިނާ ނުފޭދުމުން އެކަން ފާހަގަކޮށް ސޯޝަލް މީޑިއާއަށް ވީޑިއޯއެއް ލުމުންނެވެ.

އެ ވީޑިއޯގައި އެ އަންހެން މީހާ ބުނެފައިވަނީ އޭނާގެ ލިޕްސްޓިކްއާއި އެހެނިހެން މޭކަޕްތައް ފޭދުނު ނަމަވެސް އައިލައިނާއަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

އެ ވީޑިއޯ އާއްމު ވުމާއެކު ގިނަ ބަޔަކު އަންނަނީ ކޭ ބިއުޓީގެ އުފެއްދުންތަކުގެ ކޮލިޓީ ރަނގަޅުކަން ފާހަގަކޮށް އެ ބްރޭންޑަށް ތައުރީފް ކުރަމުންނެވެ.

މިކަން ސޯޝަލް މީޑިއާއިން ފާހަގަވުމުން ކެޓްރީނާ ވެސް ވަނީ އެ ވީޑިއޯ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް އޭނާގެ އުފެއްދުމާމެދު ހިތްހަމަ ޖެހިފައި ހުރީތީ އުފާވާ ކަމަށް ބުނެފަ އެވެ.

"ދިރިއުޅުމުގައި ވެދާނެ ކަމެއް ނޭނގޭނެ. އެކަމަކު އައިލައިނާއަށް ވާ ގޮތް އެނގެންވާނެ،" އެ ސްޓޯރީގައި ކެޓްރީނާ ބުނެފައިވެ އެވެ.

ކެޓްރީނާގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ދެން އޭނާ އެންމެ އަވަހަށް ފެންނާނީ ވިޖޭ ސެތުޕަތީއާއެކު "މެރީ ކްރިސްމަސް"އިންނެވެ.