އަނބިމީހާ، ޓްވިންކަލް ކަންނާ ދެކެ ބިރު ނުގަންނަ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ވާހަކަ ދައްކައިފި އެވެ.

އަކްޝޭގެ ކުރިއަށް އޮތް ފިލްމު "ކޭލް ކޭލް މެއިން"ގެ ޕްރޮމޯޝަންތަކުގެ ތެރެއިން ދިން އިންޓަވިއުއެއްގައި އަކްޝޭ ވަނީ ޓްވިންކަލް އޭނާގެ ފޯނު ބެލުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އަކްޝޭ ބުނީ ޓްވިންކަލްއަށް ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ޓްވިންކަލްއަށް އޭނާގެ ފޯނު ދައްކަން ވެސް ބިރު ނުގަންނާނެ ކަމަށެވެ.

"އަހަރެންގެ ފޯނު އޮންނާނީ ގިނަ ފަހަރަށް ގޭތެރޭގެ ކޮންމެވެސް ތަނަކަށް އެއްލާލާފައި، އެއްވެސް ކަމެއް ސިއްރު ކުރާކަށް ނޫޅެން،" އަކްޝޭ ބުންޏެވެ.

ޒުވާން ޖީލަށް ކައިވެންޏާ ބެހޭ ގޮތުން އެއްވެސް ނަސޭހަތެއް އެބައޮތްތޯ އެހުމުން އަކްޝޭ ބުނީ ކޮންމެ މީހެއްގެ ވެސް ތަޖުރިބާ ތަފާތުވާނެ ކަމަށާއި އެހެން ނަމަވެސް ކައިވެންޏަކީ ދިރިއުޅުން ފުރިހަމަ ކޮށްދޭ ކަމެއް ކަމަށެވެ.

އަކްޝޭއާއި ޓްވިންކަލް ކައިވެނި ކޮށްފައިވަނީ 2001 ވަނަ އަހަރުގެ ޖެނުއަރީ 17ގަ އެވެ. އެ ކައިވެންޏަށް 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ދެމީހުންނަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ.