ޖަރުމަނުގެ ހެމްބާގްގައި ހުންނަ ވެކްސް މިއުޒިއަމްއެއްގައި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ވެކްސް ސްޓެޗޫއެއް ދާދި ފަހުން ވަނީ ބަހައްޓާފަ އެވެ.

އެހެން ނަމަވެސް އާއްމުންގެ ފަރާތުން އެ ސްޓެޗޫއަށް ލިބެމުން އަންނަނީ ސްޓެޗޫ ތައްޔާރުކުރި ފަރާތުން އެންމެ ބޭނުންވާ ފަދަ ތަރުހީބެއް ނޫނެވެ. އެއާ ހިލާފަށް ގިނަ ބަޔަކު އަންނަނީ ޓޭލާ ސްވިފްޓްއާއި އެ ސްޓެޗޫއާ އެއްވެސް ވައްތަރު ކަމެއް ނެތް ކަމަށާއި ސްޓެޗޫ ވަރަށް ހަޑި ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ނޫ ކުލައިގެ ވިދާ ހެދުމެއްގައި ޓޭލާ އޭނާގެ އަތުން ހިތެއްގެ އިޝާރާތްކުރާ މަންޒަރު ފެންނަ އެ ސްޓެޗޫއަކީ އެ ތަނުގައި ބަހައްޓާފައިވާ 120 އަށްވުރެ ގިނަ ސްޓެޗޫތަކަށް އިތުރުވި އެންމެ ފަހުގެ ބޮޅެވެ.

ޓޭލާގެ އިތުރުން ޕަނޮޕްޓިކަމް މިއުޒިއަމްއިން ވަނީ ހޮލީވުޑުގެ އިތުރު ލަވަކިޔުންތެރިއެއް ކަމަށްވާ އެޑް ޝީރަންގެ ވެކްސް ސްޓެޗޫ ވެސް އަލަށް ދައްކާލާފަ އެވެ.

ޓޭލާގެ މަސައްކަތްތަކަށް ބަލާލާއިރު އޭނާ މިހާރު އަންނަނީ އީރާސް ޓުއާގެ ޔޫރަޕް ދަތުރު ނިންމަމުންނެވެ. އަންނަ ހަފްތާ ބަންދުގައި ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި އޭނާ ހުށައަޅައިދޭނެ އެވެ.