އަމިއްލަ މަސައްކަތުން ބޮލީވުޑްގައި ކުރިއަރައި ކާމިޔާބު ހޯދާ ތަރިން ވަރަށް މަދެވެ. މިއަދުގެ ގިނަ ތަރިންނަކީ ފިލްމީ އާއިލާތަކަށް ނިސްބަތްވާ އުފަންވީއްސުރެ އެދާއިރާއަށް ވަނުމުގެ މަގުފަހި ވެފައިވާ ތަރިންނެވެ.

އެހެން ނަމަވެސް ވިކީ ކައުޝަލްއަކީ އަމިއްލަ މަސައްކަތުން އޭނާ މިވަގުތު ހުރި ހިސާބަށް އައިސްފައިވާ މަދު ތަރިންގެ ތެރެއިން އެކެކެވެ. އޭޭނާގެ ޅަފަތުގެ ހަޔާތާ ބެހޭގޮތުން ދައްކާފައިހުރި ވާހަކަތަކުން އެކަން އެނގެ އެވެ.

މީގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިކީ ބުނެފައިވަނީ އޭނާ ބޮޑުވީ މުމްބާއީގެ ކުޑަ އަވަށެއްގެ 10 ފޫޓު 10 ފޫޓު ކޮޓަރިއެއްގައި ކަމަށާއި އުފުލަން ޖެހުނު ތަކުލީފުތައް ކުޑަ ނޫން ކަމަށެވެ.

"އެ ކޮޓަރިގަނޑުން ބަދަލުވީ އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް. ދަން ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް. އެއީ ފަސޭހަ ދަތުރެއް ނޫން" ވިކީ ބުނެފައިވެ އެވެ.

ވިކީއަކީ މަތީ ތައުލީމު ނިންމުމަށްފަހު ބޮލީވުޑަށް ވަތް މަދު ތަރިންގެ ތެރެއިން ވެސް ތަރިއެކެވެ. އޭނާ ވަނީ ބޮލީވުޑަށް ވަނުމުގެ ކުރިން އިންޖިރިއަނިންގެ ދާއިރާއިން ޑިގްރީ ހާސިލް ކޮށްފަ އެވެ.

ވިކީ ބުނީ ފިލްމީ ދާއިރާއަށް ވަންނަން ބޭނުންވާ ވާހަކަ މައިންބަފައިންގެ ގާތުގައި އެދުމުން އެންމެ ފުރަތަމަ ތައުލީމު ނިންމަން އެދުނު ކަމަށާއި ބޮލީވުޑަށް ވަނުން ލަސްވީ އެހެންވެ ކަމަށެވެ.

ވިކީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ޖުލައި މަހު ރިލީޒް ކުރެވުނު ދަރްމާ ޕްރޮޑަކްޝަންސްގެ "ބޭޑް ނިއުސް"އިން ޓްރިޕްތީ ޑިމްރީއާއެކުގަ އެވެ.