ތައިލެންޑްގެ އެންމެ މަތީ ކޯޓުން ކުރި ހުކުމަކާއެކު އެ ގައުމުގެ ބޮޑުވަޒީރު ސެތާ ތަވިސިން މަގާމުން ވަކިކޮށްފި އެވެ.
ތަވިސިން އަށް ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލުނީ އޭނާގެ ކެބިނެޓަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު މިނިސްޓަރު ކަމަށް އައްޔަން ކުރުމާ ގުޅިގެންނެވެ.
އުމުރުން 62 އަހަރުގެ ތަވިސިން ބޮޑުވަޒީރު ކަމުގެ މަގާމުން ކޯޓުން ދުރުކުރުމާއެކު އޭނާ ވެފައިވަނީ މިދިޔަ 16 އަހަރުގެ ތެރޭގައި އެ ކޯޓުން މަގާމުން ވަކި ކުރި ހަތަރުވަނަ ބޮޑު ވަޒީރަށެވެ.
ކޯޓު ހުކުމުގައި ވަނީ ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ގާނޫނީ ވަކީލަކު ތަވިސިންގެ ކެބިނެޓް މިނިސްޓަރު ކަމަށް އައްޔަން ކުރުމުން ބޮޑުވަޒީރުގެ ކިބައިގައި ހުންނަން ޖެހޭ އަހްލާގީ އަދި ސުލޫކީ މިންގަނޑާއި އުސޫލުތަކާއި ހިލާފުވެފައިވާ ކަމަށެވެ. ޖިނާއީ ކުށެއް ކުރި ކަމަށް ކޯޓުން ހުކުމެއް ކޮށްފައިވާ މީހަކަށް އެފަދަ މަގާމެއް ހަމަޖެއްސުމުން ތަވިސިން ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައި ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
ކޯޓުން މިގޮތަށް ނިންމީ އޭނާ މަގާމުން ވަކިކުރުމަށް އެދި 40 ސެނެޓަރުން ހުށަހެޅުއްވި ޕެޓިޝަނަކާ ގުޅިގެންނެވެ. މިދިޔަ މެއި މަހު ފަނޑިޔާރުން އެ ޕެޓިޝަން ބަލައިގަތް ނަމަވެސް އެ މައްސަލަ ބެލިއިރު، ތަވިސިން އަށް މަގާމުގައި ދެމިހުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއްކޮށްފައި ހުރިކަމަށް ބުނާ މިނިސްޓަރު ވަނީ ބޮޑުވަޒީރު ސަލާމަތްކުރުމަށް އަންގާރަ ދުވަހު މަގާމުން އިސްތިއުފާދީފަ އެވެ.
ތައިލެންޑްގެ ގާނޫނު ހަދާ މަޖިލީހުން އާ ބޮޑުވަޒީރެއް އިންތިހާބު ކުރަންދެން ތައިލޭންޑްގައި ހުންނަވާނީ ވަގުތީ ބޮޑު ވަޒީރެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.