ރާއްޖޭގައި ހުއްޓުމެއްނެތި އުފުލެމުންދާ ޑޮލަރުގެ ރޭޓުގެ މައްސަލަ ރައްޔިތުންގެ އަނގަބަންދުކޮށްގެން ހައްލު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތިނަދޫ ސިޓީގައި މީހުން އަލަށް އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމީ ބޮޑެތި މައްސަލަތަކާ މެދު ވާހަކަދެއްކުން ހުއްޓުވައި އަނގަބަންދުކުރުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި ޑޮލަރުގެ މައްސަލަ ހައްލުކުރާނެ ގޮތް ފިނޭންސް މިނިސްޓަރާއި މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވަރުނަރު ނުކުމެވަޑައިގެން ރައްޔިތުންނަށް ސާފުކޮށްދެއްވައިފިނަމަ ރައްޔިތުންނަށް ހަމަޖެހުން ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ފިނޭންސް މިނިސްޓަރާއި ގަވަރުނަރާއި ނުކުމެ މިކަން ހައްލުކުރާނެ ގޮތްތަކެއް ކިޔައިދީ! [އޭރުން] އަޅުގަނޑުމެން އުފާވާނެ. ރައްޔިތުންނަށް ހަމަޖެހުން އަންނާނެ. އެކަމަކު މިކަން ކިޔައިދިނުމުގެ ބަދަލުގައި ގާނޫނުން މިކުރާ ކޮންމެ ކަމެއް މަނާކުރުމަކުން އަދި އެކަމެއް އަޅުގަނޑުމެންނާ ބީވެގެން ދަނީކީ ނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ، މައްސަލަ ހައްލުކުރާނެ ގޮތް ކިޔައިދިނުމުގެ ބަދަލުގައި ގާނޫނަށް ބަދަލުތައް ގެނެސްގެން ކަންކަން މަނާކުރުމުން މައްސަލަ އިތުރަށް ގޯސްވެ، "އަލިފާން އަރައި ދަރުއެރުން" ފިޔަވައި އެހެން ކަމެއް ނުވާނެ ކަމަށެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރު ޝާއިއުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުގަންނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެ އިސްލާހުގެ ދަށުން ކަޅު ބާޒާރުގެ ރޭޓު އާންމުކުރާ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް 100،000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ރަސްމީ ރޭޓަށްވުރެ މަތިން ކުރާ ވިޔަފާރި އިޝްތިހާރުކުރުމަކީ ވެސް 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކުށެކެވެ.

މީޑިއާތަކުގެ އަޑު ކަނޑުވާލެވޭ ގޮތަށް މި ބަދަލު ގެންނަނީ ހަބަރުތަކުގެ ސަބަބުން ޑޮލަރުގެ އަގު އުފުލޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނިކޮށެވެ. ނަމަވެސް ސަރުކާރުން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި ބިލުގައި މިފަދަ މާއްދާއެއް ނެތެވެ.

އެ ބިލު ފުރަތަމަ ހުށަހެޅީ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން 500 ޑޮލަރު މާރުކުރަން އޮތް އިހުތިޔާރު އުވާލައި، ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރުން މަޖުބޫރުކުރުމަށެވެ.