ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ އަމިއްލަ ގޭގައި އޮތް ކަމެއް ހުއްދައެއް ނެތި ވީޑިއޯ ކުރުމުން އިންޑިއާގެ މީޑިއާއަކަށް އޭނާ އިންޒާރު ދީފި އެވެ.

އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން ޝިލްޕާގެ ގޭގައި ބޭއްވި ދިދަ ނެގުމުގެ ހަރަކާތް ސިއްރުން ވީޑިއޯ ކުރާކަން އެނގުމުން ޝިލްޕާ ވަނީ އެ ނޫސްވެރިޔާގެ ކައިރިއަށް ގޮސް ވާހަކަ ދައްކާފަ އެވެ. އަދި އެކަމަކީ މަޖަލަކަށް ނުހެދުމަށާއި ވީޑިއޯ ކުރާނަމަ ރަނގަޅަށް ކުރަން ނޫންނަމަ އެތަނުން ދުރަށް ދާން ނޫސްވެރިޔާގެ ކައިރީގައި ޝިލްޕާ ބުންޏެވެ.

ޝިލްޕާ މިހެން އިންޒާރު ދީފައި މިވަނީ މިދިޔަ އަހަރުގެ މިނިވަން ދުވަހު ބޭއްވި ހަރަކާތުގައި ބޫޓަށް އަރައިގެން ހުރެ ދިދަ ނެގުމުން ގައުމީ ދިދައަށް ބޭއިހުތިރާމް ކޮށްފައިވާ ކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ.

އެ ފާޑުކިޔުންތަކަށް ޖަވާބު ދެމުން ޝިލްޕާ ބުނެފައިވަނީ ދިދަ ނެގުމުގެ ގަވާއިދުތައް އޭނާއަށް އެނގޭ ކަމަށާއި އޭނާއަކީ ފަހުރުވެރި އިންޑިއާ ރައްޔިތެއް ކަމަށެވެ.

އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން ބޮލީވުޑްގެ ގިނަ ތަރިން އެމީހުންގެ އަމިއްލަ ގޭގައި ކުދި ހަފްލާތައް ބާއްވަ އެވެ. ޝިލްޕާގެ އިތުރުން ޝާހްރުކް ޚާން ވެސް ވަނީ އޭނާގެ ގެ މަންނަތުގައި ދިދަ ނެގުމުގެ ހަރަކާތެއް ބާއްވާފަ އެވެ.