ސައިފް އަލީ ޚާންއަކީ ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ގުނާލެވޭ ތަރިއަކަށްވީ ނަމަވެސް އޭނާގެ މިލްކިއްޔާތުގެ ބައެއް ވާރުތަ މުދަލުގެ ގޮތުގައި އޭނާގެ ދަރިންނަކަށް ނުލިބޭނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ސައިފްގެ ނަމުގައި އޮތް އޭނާގެ ޚާންދާނީ ގަނޑުވަރު "ޕަތޯޑީ ޕެލެސް"އަކީ އިންޑިއާގެ ގާނޫނުގެ ދަށުން ހިމާޔަތް ކުރެވިފައިވާ ތަނަކަށްވުމުން އެ މުދާ ވާރުތައެއް ނުވާނެ އެވެ.

ޕަތޯޑީ ޕެލެސްއަކީ އިންޑިއާގެ ތާރީހާ ގުޅިފައިވާ ތަނަކަށްވާއިރު ސައިފްއަކީ ރަސްމަތިފުށުގެ އާއިލާއަކަށް ނިސްބަތްވާ އިންޑިއާގެ ގަދަރު ދެވިފައިވާ "ނަވާބް" އެކެވެ.

ޕަތޯޑީ ޕެލެސްއާއި އެތަނާ ގުޅިފައިވާ އެހެނިހެން ތަންތަނުގެ އަގުގައި މިހާރު 5000 ކްރޯޑް ރުޕީސް ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ގަނޑުވަރު ވާރުތަ މުދަލުގެ ގޮތުގައި ނުލިބުނަސް ސައިފްގެ އެހެނިހެން މުދާތަކަކީ އޭނާގެ ދަރިންގެ މެދުގައި ބަހާލެވޭނެ މުދާތަކެކެވެ.

ސައިފް ޖުމްލަ ދެ ކައިވެންޏެއް ކުރިއިރު އެ ދެ ކައިވެނިން އޭނާއަށް ހަތަރު ކުދިން ލިބުނެވެ. އެއީ އިބްރާހިމް އަލީ ޚާން، ސާރާ އަލީ ޚާން، ތައިމުރް އަލީ ޚާން އަދި ޖަހަންގިރް އަލީ ޚާން އެވެ.