ދެހާސް ތޭވީސް ވަނަ އަހަރު ނުކުތް ބޮލީވުޑް ފިލްމު "ޕަތާން" ވެގެން ދިޔައީ އެ ފިލްމުގައި އުޅުނު ތަރިންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަށެވެ.

އެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެ ތަރިން އެކި ކަންތައް ކުރި އެވެ. އެގޮތުން ފިލްމުގެ ލީޑު ތަރި ޝާހްރުކް ޚާން ވަނީ ފިލްމުގެ އެހެން ތަރިއެއް ކަމަށްވާ ޖޯން އަބްރަހަމްއަށް ހަދިޔާއެއް ވެސް ދީފަ އެވެ.

ދާދި ފަހުން ދުރަށް ދެއްކި ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ޖޯން ބުނީ ފިލްމުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޕާޓީއެއްގެ ތެރެއިން ޝާހްރުކް ޚާން އޭނާއަށް އަގުބޮޑު ސައިކަލެއް ދީފައިވާ ކަމަށެވެ.

ޝާހްރުކް ޚާންއާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކުރަމުން ޖޯން ބުނެފައިވަނީ ޝާހްރުކް ޚާންއަކީ ހިތްހެޔޮ މަޖާ މިޒާޖެއްގެ މީހެއް ކަމަށާއި އޭނާއާއެކު މަސައްކަތް ކުރުމަކީ ލިބުނު ނަސީބެއް ކަމަށެވެ.

"ޕަތާން"ގައި ޖޯން ފެނިގެން ދިޔައީ ނެގެޓިވް ރޯލަކުންނެވެ. ފިލްމުގެ ލީޑުގެ ގޮތުގައި ޝާހްރުކް ޚާންގެ އިތުރުން ދެން ފެނުނީ ދީޕިކާ ޕަދުކޯން އެވެ.

ޖޯންގެ މިހާރުގެ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ފިލްމު "ވޭދާ"އިންނެވެ. އެ ފިލްމަށް ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.