ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެކު އާޓިފިޝަލް އިންޓެލިޖެންސްގެ ބާރުގަދަވެ އިންސާނުންގެ އެހީއާނުލާ އެކި ކަންތައްތައް ކުރެވޭނެ މަގު މިހާރު އަންނަނީ ފަހިވަމުންނެވެ.
އެގޮތުން އެމެރިކާގެ ކުންފުންޏަކުން ދާދި ފަހުން ވަނީ އިންސާނެއްގެ އެހީއާނުލާ ދުވާ ސެލްފް ޑްރައިވިން ޓެކްސީތަކެއް ތައާރަފްކޮށްފަ އެވެ.
މިހެން ބުނުމުން އެއީ އެ ގައުމުގެ ރައްޔިތުންނަށް ލުއިފަސޭހަ ގެނުވާނެ ކަމެއް ކަމަށް ހީވިނަމަވެސް ސެން ފްރެންސިސްކޯގެ ރައްޔިތުންނަށް އެކަން ވެގެންދިޔައީ ބޮޑު އުނދަގުލަކަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސެލްފް ޑްރައިވިން ޓެކްސީތަކުން މެދުނުކެނޑި ބަރުގޮނު އަޅާތީ އާއްމުންނަށް އުނދަގޫވެ ކަމާބެހޭ އިދާރާތަކަށް ވަނީ ރިޕޯޓުތައް ލިބިފަ އެވެ.
އެގޮތުން އެ އަޑާ ހެދި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ނިދަން އުނދަގޫވެ ގިނަ ދަތިތަކެއް އައީ ކުރިމަތިވަމުން ކަމަށް އެ ސިޓީގައި ދިރިއުޅޭ މީހުން ބުނެ އެވެ.
އެހެން ކަމުން ޓެކްސީތައް އޮޕަރޭޓްކުރާ ކުންފުނި ކަމަށްވާ ވައިމޯއަށް ވަނީ އެމައްސަލަ ހައްލު ކުރުމަށްޓަކައި އިތުރު ހަރަދުތަކެއް ކުރަން ޖެހިފަ އެވެ.