ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އޭނާގެ އަމިއްލަ ގައުމު އިންޑިއާއަށް އައުމާއެކު އޭނާގެ ކުރިއަށް އޮތް ބޮލީވުޑް ޕްރޮޖެކްޓް "ޖީލޭ ޒަރާ"ގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

މީގެ ދެ ދުވަހެއް ކުރިން މުމްބާއީ އެއާޕޯޓުގެ ތެރެއިން ޕްރިޔަންކާ ފެނިފައިވާއިރު މިފަހަރު އިންޑިއާއަށް އައީ ކީއްކުރަން ކަމެއް މީޑިއާއަށް އެނގިފައެއް ނުވެ އެވެ. އެހެން ނަމަވެސް ޕްރިޔަންކާއާއެކު އޭނާގެ ދަރިފުޅު މާލްތީ އައިސްފައިނުވާތީ އޭނާގެ ދަތުރަކީ ކުރު އަދި މަސައްކަތަށް ކުރި ދަތުރެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ ތިން އަހަރު ކުރިން، 2021 ވަނަ އަހަރު އިއުލާން ކުރެވުނު ފަރްހާން އަޚްތަރުގެ "ޖީލޭ ޒަރާ"ގެ މަސައްކަތް ފެށުން ލަސްވަނީ އެ ފިލްމުގެ ތަރިންނަށް ތާރީހުތައް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ފަރުހާން ބުނެފައިވެ އެވެ.

"ޖީލޭ ޒަރާ"އަކީ ޕްރިޔަންކާގެ އިތުރުން ކެޓްރީނާ ކައިފްއާއި އާލިއާ ބަޓް ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާ މަލްޓި ކާސްޓް ފިލްމެކެވެ.

މިދިޔަ މަހު އޮތް އަނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ކައިވެނީގައި ބައިވެރިވުމަށް ވެސް ޕްރިޔަންކާއާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ވަނީ އިންޑިއާއަށް އައިސްފަ އެވެ.