ދާދި ފަހުން ނެރުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ކާސްޓާއެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ހޮލީވުޑްގެ ތަރި ބްލޭކް ލައިވްލީ އާއި އޭނާގެ ބައިވެރިޔާ ރަޔާން ރޭނޯލްޑްސް ހޮލީވުޑުން ދުރަށް ދާން ނިންމާފައިވާ ކަމަށް އަޑު އަރައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހޮލީވުޑްގެ "ޕަވާ ކަޕަލް"އެއްގެ ގޮތުގައި ބެލެވޭ ބްލޭކްއާއި ރަޔާން ހޮލީވުޑް ދޫކޮށްލަން ނިންމާފައިވަނީ މިހާރު އެ ދެމީހުންނަށް އަމާޒުވާ ފުރައްސާރައިގެ ސަބަބުންނެވެ.

އެގޮތުން ހޮލީވުޑް ސިޓީ ދޫކޮށް ދެކުނު ކެރޮލީނާގެ ގެއަކަށް ބަދަލުވުމުގެ ކަންކަން އެ ދެތަރިން މިހާރު ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

ބްލޭކްގެ އެންމެ ފަހުގެ ފިލްމު "އިޓް އެންޑްސް ވިތު އަސް"ގައި ފެންނަ ގެވެށި އަނިޔާގެ ސަބަބުން އެ ފިލްމުގެ ކާސްޓުންނަށާއި ޕްރޮޑިއުސަރުންނަށް އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ހަމައެއާއެކު ފިލްމުގެ ލީޑު ތަރިން ކަމަށްވާ ބްލޭކް ލައިވްލީއާއި ޖަސްޓިން ބެލްޑޯނީގެ ދެމެދުގައި ޖެހުނު ޒާތީ މައްސަލައިގެ ސަބަބުން ވެސް ފިލްމަށާއި އެ ތަރިންނަށް ވެސް ވަނީ ނޭދެވޭ އަސަރު ކޮށްފަ އެވެ.

މިފަދަ އަޑުތައް މީޑިއާގައި ދައުރުވަމުން ދިޔަ ނަމަވެސް އެ ދެމީހުންގެ ތެރެއިން އެކަކު ވެސް އެކަން މީޑިއާއަށް ޔަގީން ކޮށްދީފައެއް ނުވެ އެވެ.