ނަވާރަ ސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ނުކުތް ކާމިޔާބު ބޮލީވުޑް ފިލްމު "ދިލް ސޭ"އަކީ އާއްމުންގެ ތެރޭގައި މަގުބޫލުވި ފިލްމެކެވެ. އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔަ ޝާހްރުކް ޚާންއާއި މަނީޝާ ކޮއިރަލާގެ ޖޯޑަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.

ބެލުންތެރިންގެ ފަރާތުން ލިބުނު ލޯތްބާއެކު ވެސް "ދިލް ސޭ"އަށްފަހު މި ދެތަރިން އެކުގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. މިކަމާ ބެހޭ ގޮތުން ސުވާލު ކުރެވުމުން މަނީޝާ ވަނީ ވަރަށް ނުސީދާ ގޮތަކަށް ޖަވާބު ދީފަ އެވެ. އޭނާ ބުނީ އެ ސުވާލު ކުރުން އެންމެ ރަނގަޅީ ޝާހްރުކް ޚާންއާ ކަމަށާއި ސަބަބަކީ އެކުގައި މަސައްކަތް ކުރާނެ ތަރިން ނިންމަނީ ފިލްމުތަކުގެ ފިރިހެން ތަރިން ކަމަށްވާތީ ކަމަށެވެ.

އެއާއެކު މަނީޝާގެ މި ބަސްކޮޅަކީ ނުސީދާ ގޮތެއްގައި ޝާހްރުކް ޚާންއަށް އަމާޒުކޮށް ބުނި ބަހެއް ކަމަށާއި އެ ދެތަރިންގެ މެދުގައި ނުތަނަވަސްކަމެއް އެބައުޅޭ ކަމަށް މީޑިއާތަކުން ފާހަގަކުރި އެވެ.

މަނީޝާ އިތުރަށް ބުނީ ޝާހްރުކް ޚާންއަކީ ބޮލީވުޑްގައި އޭނާއާއެކު މަސައްކަތްކުރި އެންމެ ރަނގަޅު އެއް ކޯސްޓާރު ކަމަށާއި އެ ދެމީހުން އެކުގައި މަސައްކަތްކުރި "ދިލްސޭ"އަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް މަސައްކަތް ކަމަށެވެ.

މަނީޝާގެ މިހާރުގެ މަސައްކަތްތަކަށް ބަލާލާއިރު އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ދާދި ފަހުން ރިލީޒް ކުރެވުނު "ހީރާމަންޑީ" އިންނެވެ.