ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ހިންދީ ސީރީޒް އަނޫޕަމާއަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ޝޯ އެކެވެ. އެ ޝޯގެ ވާހަކައަށް އަންނަމުންދާ ބަދަލުތަކާއެކު އިތުރަށް އެ ޝޯ ޝައުގުވެރި ކުރުވަމުންދެ އެވެ.
އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ޝޯގެ ވާހަކަ އެއް ޖީލު ކުރިއަށް ޖައްސަން ޝޯގެ ޕްރޮޑިއުސަރުން މިހާރު ވަނީ ނިންމާފަ އެވެ.
އެއާއެކު ދެން ފެތުރެން ފެށި އަޑަކީ މި "ލީޕް"އަށްފަހު ޝޯގެ ލީޑު ކެރެކްޓަރު "އަނޫޕަމާ"ގެ ރޯލުން ފެންނަ ރުޕާލީ ގަންގޫލީ އެ ޝޯ ދޫކޮށްލަން އުޅޭ ކަމަށް ބުނާ އަޑުތަކެވެ.
މި ޝޯގެ ވާހަކައިގެ ތެރެއިން އަނޫޕަމާއަށް ނުރައްކާތެރި ބައްޔެއް ޖެހި އެ ބަލީގައި އޭނާ މަރުވުމާއެކު ރުޕާލީގެ ރޯލު ނިމުމަކަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބުނެވޭ ގޮތުގައި ރުޕާލީގެ މި ނިންމުމަކީ އެއް ޖީލުގެ ތަފާތާއެކު އޭނާގެ ކެރެކްޓަރުގެ އުމުރުން ދުވަސްވެ މާ މުސްކުޅި ކެރެކްޓަރެއް ކުޅެން ޖެހޭތީ ނިންމި ނިންމުމެކެވެ.
ރުޕާލީ ޝޯ ދޫކޮށްލަން އުޅޭ ކަމަށް ބުނާ ހަބަރުތައް ހަލުވިކަމާއެކު ސޯޝަލް މީޑިއާގައި ފެތުރެމުން އައި ނަމަވެސް ރުޕާލީއާއި ޝޯގެ ޕްރޮޑިއުސަރުން ވެސް އެކަމާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
ރުޕާލީގެ އިތުރުން ގައުރަވް ހަންނާ ލީޑު ރޯލުން ފެންނަ "އަނޫޕަމާ"އަކީ ޓީއާރްޕީ ޗާޓުގައި ވެސް އެންމެ ކުރީގައި އުޅޭ އެއް ޝޯ އެވެ.