މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސްގެ 18 ވަނަ ސީޒަން ފަށަން ތައްޔާރުވެފައިވާއިރު މިހާރު މީޑިއާގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އެ ޝޯގައި ބައިވެރިވާނެ ކަމަށް ބެލެވޭ ތަރިންގެ ވާހަކަ އެވެ.

އެގޮތުން އެ ޝޯގައި ބައިވެރިވާނެ ކަމަށް އަޑު އަރާފައިވާ ފާހަގަ ކޮށްލެވޭ އެއް ފަރާތަކީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ސޯމީ އަލީ އެވެ.

މި އަޑުތަކަށް ރައްދު ދެމުން ސޯމީ ބުނެފައިވަނީ ބިގްބޮސްއަކީ ގިނަ ދުވަސްތަކެއް ހޭދަވާ ޝޯއެއް ކަމަށާއި އޭނާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ދޫކޮށް އެހާ ދިގު މުއްދަތަކަށް ނުދެވޭނެ ކަމަށެވެ.

އޭގެ އިތުރުން ވެސް ބިގްބޮސްގެ އެންމެ އެޕިސޯޑެއް ވެސް ބަލާފައި ނުވާ ކަމަށާއި އެ ޝޯއަކީ ކިހިނެއްވާ ޝޯއެއްކަން ވެސް ނޭނގޭ ކަމަށް ސޯމީ ބުންޏެވެ.

ސޯމީއަކީ ސަލްމާންގެ ކެރިއަރުގެ ކުރީކޮޅު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތަރި އެކެވެ. އޭރު ސޯމީއަކީ ވެސް ފިލްމުތަކުގައި މަސައްކަތްކުރި ފަރާތެކެވެ.

ސޯމީގެ އިތުރުން މިފަހަރުގެ ސީޒަންގައި ފެންނާނެ ކަމަށް އަޑުއަރާފައިވާ ތަރިންގެ ތެރޭގައި ޝުއައިބް އބްރާހީމް، އަނީތާ ހަސަނަންދާނީ އަދި އަރްޖުން ބިޖްލާނީ ފަދަ ތަރިން ހިމެނެ އެވެ.