މިދިޔަ އަހަރު ރިލީޒް ކުރި ރަންބީރު ކަޕޫރުގެ ކާމިޔާބު ފިލްމު "އެނިމަލް"އަށް ކަންގަނާ ރަނޯޓްގެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ކަންގަނާ ބުނެފައިވަނީ މި ދުވަސްވަރު ނެރެމުންދާ އަނިޔާވެރި ފިލްމުތަކަށް ތަރުހީބުދޭ މީހުންނަކީ ކޮންކަހަލަ ބައެއްތޯ އޭނާގެ ހިތުގައި ސުވާލު އުފެދޭ ކަމަށެވެ.

އެގޮތުން އެއްވެސް ސަބަބަކާ ނުލައި މީހުން މެރުމާއި ހަމަނުޖެހުން ހިންގުން ފަދަ ކަންކަން އެ ފިލްމުތަކުގައި ފެންނައިރު އެކަން ހުއްޓުވަން ގާނޫނެއް ނުވަތަ ގަވާއިދެއް އޮންނަހެން ހީނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެމީހުން އެކަން ކުރަނީ ކަމަކުން ކަމަކާނުލާ ހަމަ މަޖަލަށް. ފޫހި ފިލުވަން. އެކަން ހުއްޓުވާނެ ބަޔަކު ވެސް ނޫޅޭ" އެނިމަލްގެ މަންޒަރުތަކަށް އިޝާރާތް ކުރަމުން ކަންގަނާ ބުނެފައިވެ އެވެ.

"އެނިމަލް" ފިލްމުގެ ނަން ނުބުނި ނަމަވެސް ކަންގަނާގެ އެ ވާހަކައަކީ އެ ފިލްމަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއްކަން ވަރަށް ސާފުކޮށް ހާމަވެ އެވެ.

ރަންބީރުގެ އިތުރު ޓްރިޕްތީ ޑިމްރީއާއި ރަޝްމިކާ މަންދަނާ ފެނިގެންދާ އެ ފިލްމަކީ ބޮކްސްއޮފީހުގެ ރެކޯޑުތައް މުގުރާލި ކާމިޔާބު ފިލްމެކެވެ.