މި މަހުގެ ކުރީކޮޅު ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "އިޓް އެންޑްސް ވިތު އަސް"އަށް ލިބުނު ކާމިޔާބާއެކު އެ ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތް ފިލްމުގެ ޕްރޮޑިއުސަރުން ފެށި އެވެ.

އެހެން ނަމަވެސް ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގެ މަސައްކަތް މިހާރު ވަނީ ހުއްޓިފަ އެވެ. ސަބަބަކަށްވެފައި ވަނީ ފިލްމުގެ ދެ އެކްޓަރުން އަދި ކޯ ޕްރޮޑިއުސަރުން ކަމަށްވާ ބްލޭކް ލައިވްލީއާއި ޖަސްޓިން ބެލްޑޯނީއާ ދެމެދު މައްސަލަ ޖެހިފައިވުމެވެ.

"އިޓް ސްޓާޓްސް ވިތު އަސް"ގެ ނަމުގައި ފިލްމުގެ ދެވަނަ ބައި ނެރެން ބޭނުންވި ނަމަވެސް ބްލޭކްއާއި ޖަސްޓިންގެ ފަރާތުން އެދެވިގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"އިޓް ސްޓާޓްސް ވިތު އަސް"އަކީ 2022 ވަނަ އަހަރު ހަމަ އެ ނަމުގައި ކޫލީން ކޫޕާ ލިޔެފައިވާ ފޮތެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

އެ ފިލްމުގެ ފުރަތަމަ ބައި "އިޓް އެންޑްސް ވިތު އަސް"އަކީ ވެސް ކޫލީން 2016 ވަނަ އަހަރު ލިޔެ ޝާއިއުކޮށްފައިވާ ވާހަކައަކަށް ބިނާކޮށް ހެދި ފިލްމެކެވެ.

"އިޓް އެންޑްސް ވިތު އަސް"ގެ ޕްރޮމޯޝަންތަކުގެ ތެރެއިން ބްލޭކްއާއި ޖަސްޓިންގެ މެދުގައި މައްސަލަ ޖެހިފައިވާކަން މީޑިއާއަށް ތިލަވި އެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ބްލޭކް ބުނެފައިވަނީ ޖަސްޓިން އޭނާއަށް ފުރައްސާރަކޮށް ފިލްމުގެ ޝޫޓިންގެ ތެރެއިން ބަދުއަހުލާގީ އަމަލު ވެސް ހިންގާފައިވާ ކަމަށެވެ.

މި މައްސަލައާއެކު ފިލްމަށް ލިބުނު ސަމާލުކަން އިތުރުވިއިރު ފިލްމު ވެފައި ވަނީ ބޮކްސްއޮފީހުގައި ވަރަށް ކާމިޔާބު ފިލްމަކަށެވެ.