"ބާން އައުޓް"އަކީ ވަޒީފާގެ މާހައުލުގައި މެދުނުކެނޑުމެއްނެތި ބުރަކޮށް ހަރަކާތްތެރި ވުމުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މީހާ ވަރުބަލިކޮށްލާ ހާލަތެކެވެ. ބާންއައުޓްއެއް ވެއްޖެ ނަމަ އެކަމުން އަރައިގަނެވޭނެ ގިނަ ގޮތްގޮތް ހުރެ އެވެ.

އިތުރު މަސައްކަތަށް ނޫނެކޭ ބުނޭ!

އޮފީހުގައި ނުވަތަ ކުންފުނީގައި އިތުރު ގަޑީގެ މަސައްކަތް ނުވަތަ ތިބާގެ ޒިންމާތައް ފިޔަވައި އެހެން ކަންކަމާ ހަވާލުވުން ހުއްޓާލާށެވެ. އެއީ ތިބާގެ ސިކނޑިއަށް ދެވޭ އިތުރު ބުރައެކެވެ.

ނޭދެވޭ ހިޔާލުތަކާ ދުރުވޭ!

ވަޒީފާއާ ގުޅުންހުރި ނޭދެވޭ ހިޔާލުތައް ނުވަތަ "ނެގެޓިވް ތޯޓްސް"އާ ދުރުވުން ވަރަށް މުހިއްމެވެ. ކޮންމެ ކަމެއްގެ ވެސް ރަނގަޅު ގޮތް ނުވަތަ "ޕޮޒިޓިވް"އަށް ފަރުވާ ބަހައްޓާށެވެ.

ޖާނަލްއެއް ލިޔޭ!

ދުވަހުގެ ކަންތައް ރާވާލާފައިވާ ގޮތާއި އެ ދުވަހު ކުރެވުނު އިހުސާސްތައް ހިމެނޭހެން ފޮތެއް ލިޔަން ފަށާށެވެ. މިކަންކަން ރެކޯޑު ކުރެވުމަކީ ލިބޭނެ ފަސޭހަ އެކެވެ.

ގަވާއިދުން ޗުއްޓީ ނަގާ!

ވަޒީފާގެ އަހަރު ނިމޭއިރު އަހަރީ ޗުއްޓީގެ ބާކީ ދުވަސްތައް ހުރިޔަ ނުދޭށެވެ. އަހަރީ ޗުއްޓީގެ 30 ދުވަސް މުޅި އަހަރަށް ބަހާލައި ގަވާއިދުން ޗުއްޓީ ނަގާ މަސައްކަތުން "ބްރޭކް"އެއް ނަގާށެވެ.