ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ހުއްދަތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާއަށް ވުރެ މަދުން ދައްކަންޖެހޭ ވަޒީފާދޭ ފަރާތްތަކަށް ދައުލަތަކަށް ފައިސާ ދެއްކުމަށް މުއްދަތެއް ދީފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ފައިސާ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް އަންގާ ކަމަށެވެ. އެ ތާރީހުގެ ނިޔަލަށް އެ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްނުކުރާ ފަރާތްތައް އާންމުކޮށް އިއުލާނުކުރާނެ ކަމަށާއި އަދި އާ ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މިނިސްޓްރީން މިހެން ނިންމާފައި ވަނީ އެއްފަހަރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށް ބުނެފައިވެ އެވެ. އެގޮތުން މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ލިބޭނެ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މީގެ ކުރިން ވަނީ ބިދޭސީންގެ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ.
އެ މިނިސްޓްރީން މި އަހަރުގެ ޖުލައި މަހު އާންމުކުރި ލިސްޓުގައި 1،000 އަށްވުރެ ގިނަ ފަރާތް ހިމެނެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި ސިޔާސީ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ އެތައް ކުންފުންޏެއް ވެސް މި ލިސްޓުގައި ހިމެނެ އެވެ.