ސިއްހީ ސަބަބުތަކާ ހެދި ކުރިއަށް އޮތް ރިއަލިޓީ ޝޯ ބިގްބޮސް 18 ހުށައެޅުމަށް ލިބުނު ފުރުސަތު ސަލްމާން ޚާން ދޫކޮށްލަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.

މިހާރު ކުރިއަށްދާ ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"ގެ ޝޫޓިންގެ ތެރެއިން ސަލްމާންގެ މައިބަދައަށް އަނިޔާވެ އަންނަނީ ފަރުވާ ހޯދަމުންނެވެ. އެ ފަރުވާގެ ތެރެއިން މައިބަދައިގެ ސާޖަރީއެއް ކުރަން ޖެހިދާނެ ކަމަށް ބުނެވެ އެވެ.

އެހެން ނަމަވެސް އެ އަނިޔާއާއެކު ވެސް ބައެއް އާއްމު ފެނިލުންތަކުގައި ސަލްމާން ފެންނަމުންދެ އެވެ. އެގޮތުން ދާދި ފަހުން ބޭއްވި އިވެންޓެއްގައި ސަލްމާން އޭނާގެ މައިބަދައަށް ތަދުވާތީ އުޅޭ މަންޒަރު މީޑިއާއަށް ފެނިފައިވެ އެވެ.

ސަލްމާން ބިގްބޮސްގެ 18 ވަނަ ސީޒަން ދޫކޮށްލާނެ ކަމަށް ބައެއް ހަބަރުތައް ބުނި ނަމަވެސް އެއްވެސް ފަރާތަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ. އެއާއެކު ބިގްބޮސްގެ އާ ސީޒަންގެ ޓްރެއިލާ ޝޫޓް ކުރަން ސަލްމާން ތައްޔާރު ވަމުން އަންނަ ކަމަށް ބުނާ ބައެއް ހަބަރުތައް ވެސް ދަނީ ދައުރުވަމުންނެވެ.

މިފަހަރުގެ ސީޒަންގެ ބައިވެރިންގެ ގޮތުގައި ފެންނާނެ ތަރިންގެ ތެރޭގައި ދީރަޖް ދޫޕަރް، ސުދާންޝޫ ޕާންޑޭ، ޝަހީރު ޝައިހް ފަދަ ފަންނާނުން ހިމެނެ އެވެ.

ދާދި ފަހުން ބިގްބޮސް އޯޓީޓީގެ ތިންވަނަ ސީޒަން ނިމިފައިވާއިރު ޝޫޓިންތަކުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ސަލްމާނަށް ވަނީ އެ ޝޯވެސް ގެއްލިފަ އެވެ. އެ ޝޯ ފަހުން ހުށައަޅައިދިނީ އަނިލް ކަޕޫރު އެވެ.