މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ރިލީޒް ކުރިތާ 30 އަހަރު ފުރުމުގެ މުނާސަބަތުގައި ޝޯ ޕްރޮޑިއުސްކުރި ކުންފުނިން ނީލަމެއް ބާއްވަން ނިންމައިފި އެވެ.

ވާނަސް ބްރޯސް ސްޓޫޑިއޯއިން ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ނީލަމުގައި ޝޯގެ ތެރެއިން ބޭނުން ކޮށްފައިވާ ވަރަށް ގިނަ ތަކެތި ނީލަން ކިޔާނެ ކަމަށެވެ.

އޭގެ ތެރޭގައި ސެޓުގައި ބޭނުންކުރި ޕްރޮޕްތަކުގެ އިތުރުން ޝޯގެ ލީޑު ތަރިން އެކި މަންޒަރުތަކުގައި ލީ ހެދުންތައް ވެސް ނީލަން ކިޔަން ވަނީ ނިންމާފަ އެވެ.

އެގޮތުން ޗޭންޑްލާގެ ރޯލު ކުޅުނު މެތިއު ޕެރީ ޝޯގެ ތެރެއިން ބޭނުންކުރި ސްވެޓާއެއް ނީލަން ކިޔާއިރު އެއީ އެ ނީލަމުގައި އެންމެ އަގުބޮޑުކޮށް ވިކޭނެ އެތި ކަމަށް ހަބަރުތައް ބުނެ އެވެ.

ސީޒަން 10ގެ "ދަ ވަން ވިތު ދަ ހޮލިޑޭ އާމިޑިލޯ"ގައި މެތިއު ބޭނުންކުރި އެ ސްވެޓާގެ އަގު އޭރު އުޅުނީ 1500 ޑޮލަރުގަ އެވެ. އެހެން ނަމަވެސް މެތިއުގެ ކުއްލި މަރާއެކު އޭގެ އަގު އުފުލޭނެ ކަމަށް ބެލެވެ އެވެ.

1994 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ޕްރިމިއާކުރި ފްރެންޑްސް އަކީ 10 ސީޒަނަން ދިގުދެމިގެންދިޔަ ކާމިޔާބު ޝޯ އެކެވެ.