ޑޮލަރުން މުސާރަދޭ ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑޮލަރުން މުސާރަދިނުން ހުއްޓާލުމަށް އަންގައިފި އެވެ.

މިގޮތަށް ނިންމާފައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާ އެކު މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ހަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ ހަރަދު ކުޑަކުރުމުގެ ތެރޭގައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުން ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުންވެސް މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެގޮތުން މުވައްޒަފުންގެ ހަރަދު ކުޑަކުރުމަށް އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި:

  • ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވާ އިތުރު މުވައްޒަފުން އެ މަގާމުތަކަށް ނުނެގުން.
  • ޕީސީބީގެ ހުއްދައާ އެކު މެނުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުން.
  • ރަސްމީގަޑީގައި މަސައްކަތްތައް ނިމޭގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގެ މަސައްކަތް ނުކުރުން.
  • ތަމުރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުންކުރުމާއި ރާއްޖޭގެ ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުން.
  • ކޮންމެހެން މި ވަގުތަށް ކުރަންޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުން.
  • ޑިޕާޓްމަންޓްތަކުގެ މަސައްކަތަކަށް ބަލައި މުވައްޒަފުން އިތުރުވާނަމަ ނުވަތަ އައިޑަލްޓައިމް ގިނަނަމަ އެފަދަ މުވައްޒަފުން ކުންފުނިން ކޮންމެހެން ފަށަންޖެހޭ ޕްރޮޖެކްޓުތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކުގައި ބޭނުންކުރުން.

މި ދަނޑިވަޅުގައި ސަރުކާރުން ހަރަދު ހަމަމަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދު ވީހާ ވެސް ކުޑަކުރުމަކީ މުހިންމުކަމެއް ކަމަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވެ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ފިޔަވަޅުތައް އަޅުއްވާނެކަމަށް ރައީސް މުއިއްޒު ވަނީ ޖޫން މަހު އިއުލާން ކުރައްވާފަ އެވެ. ނަމަވެސް މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށްފައިވާއިރު، ސިޔާސީ މަގާމު މަދުކުރުމުގެ ބަދަލުގައި އަދިވެސް ދަނީ އިތުރު މަގާމުތަކަށް މީހުން ނަގަމުންނެވެ. އެގޮތުން މިއަދުވެސް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަން ކުރެއްވިކަން ހާމަވެފަ އެވެ. ނިމިދިޔަ ހަފްތާގައިވެސް ހެލްތު މިނިސްޓްރީއަށްވެސް ވަނީ ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކުރައްވާފަ އެވެ. މީގެ އިތުރުން ސަސްޕެންޑް ކޮށްފައިކަމަށް ބުނެ ގޭގައި ބައިތިއްބައިގެން ތިން ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ ދެމުން ގެންދާތާ އަށްމަސް ވަނީ ވެފައެވެ.

ސަރުކާރުން ހަރަދު ކުޑަކުރުމަށް ކުންފުނިތަކުގައި ތިބި އާދައިގެ މުވައްޒަފުން ހިމެނޭހެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމި އިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދިފަހުން ވިދާޅުވެފައިވަނީ އިގްތިސޯދު ދަނީ ކުރިއަރަމުންކަމަށެވެ.