އަރްޖުން ކަޕޫރާއި ބޫމީ ޕެޑްނޭކަރަކީ ބޮލީވުޑްގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ހުނަރުވެރި އެހެން ނަމަވެސް އެންމެ މަދުން އެތަރިންގެ ވާހަކަ ދެކެވޭ ދެ ތަރިންނެވެ.

މި ދެތަރިން އެކުގައި ފިލްމަކުން ފެންނާނެކަން އިއުލާން ކުރެވުމާއެކު އެއީ ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެ ކަމަށް ހީކުރެވުނެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރި "ދަ ލޭޑީ ކިލާ" ވެގެންދިޔައީ ބޮކްސްއޮފީހުގެ ފްލޮޕް ފިލްމަކަށެވެ.

ބޮކްސް އޮފީހުގައި ކުރިމަތިވި ބޮޑު ނާކާމިޔާބަށްފަހު ފިލްމުގެ ޕްރޮޑިއުސަރުން ނިންމީ އެ ފިލްމުގެ ރައިޓްސް ނެޓްފްލިކްސްއަށް ވިއްކާލުމަށެވެ. އެހެން ނަމަވެސް އެކަން ވެސް ވާގޮތެއް ނުވި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި "ދަ ލޭޑީ ކިލާ"ވަނީ ޔޫޓިއުބްގައި ލީކުވެފަ އެވެ. ޔޫޓިއުބްގައި އެ ފިލްމު ދައުރުވާން ފެށުމާއެކު ފިލްމުގެ އަގު މިހާރު ވަނީ ބޮޑުތަނުން ވެއްޓިފަ އެވެ.

ފިލްމު ލީކުވީ ކިހިނެއް ކަމެއް އަދި އެނގިފައިނުވާއިރު މިކަން ވެގެންދިޔައީ ކުރިން ވެސް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހުނު އެ ފިލްމަށް ލިބުނު އިތުރު ނިކަމެތި ކަމަކަށެވެ.

ޔޫޓިއުބްގައި މިހާރު އެ ފިލްމު ފެންނަން ހުރިއިރު އާއްމުންގެ ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް ފާޑުވެސް ކިޔަމުންނެވެ. އެގޮތުން ބޮކްސް އޮފީހުގައި ނުހިނގުމުން ހިލޭ ޔޫޓިއުބަށް ދޫކޮށްލިމަކީ ލަދުވެތި ކަމެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

އެއާއެކު ފިލްމުގެ ބައެއް ޓެކްނިކަލް ކަންތައްތަކެއް ވެސް އާއްމުން ފާހަގަކޮށްފައިވާއިރު ބޮކްސް އޮފީހުގައ ފިލްމު ފްލޮޕްވީ އެހެންވެ ކަމަށްވެސް ގިނަ ބައަކު ބުނެ އެވެ.