ހުޅުމާލޭގައި ބާރަށް ދުއްވި ކާރެއް ސައިކަލެއްގައި މަޑުކޮށްގެންއިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލާގައި ކާރު ދުއްވި ކަމަށް ތުހުމަތުކުރާ އިބްރާހީމް އިކްރާމްގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

އިކްރާމްގެ ބަންދު އިތުރުކޮށްފައިވާ ކަމަށް މިއަދު ފުލުހުން ބުނެ އެވެ.

މިދިޔަ ޖުލައި 31 ގައި ހިނގި އެ އެކްސިޑެންޓުގައި އިކްރާމް ހިމެނޭހެން ކާރުގައި ތިބި ތިން މީހުން ވެސް ވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ތިން މީހުންވެސް ފަހުން ހައްޔަރުކޮށްފަ އެވެ. އެއަށްފަހު ކޯޓުންވަނީ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފަހުން އިކްރާމްގެ ފަރާތުން ހައިކޯޓްގައި ބަންދުގެ މައްސަލަ އިސްތިއުނާފުކުރީ ވަކީލަކު ނެތި ދަށު ކޯޓުން ބަންދުގެ މުއްދަތު ޖެހި ކަމަށް ބުނެ އެވެ. ބަންދުގެ މުއްދަތު ޖެހީ ގޯސްކޮށް ކަމަށް ނިންމާ ހައިކޯޓުން އޭނާ ސެޕްޓެމްބަރު 1 ގައި މިނިވަން ކުރުމުން، ޖެހިގެން އައި ދުވަހު އަލުންވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.

މަގުމަތީ އެކްސިޑެންޓްތައް އިތުރުވެފައިވާއިރު ފާއިތުވި ދެ ރޭވެސް ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާފަ އެވެ. ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި 23 އަހަރުގެ ޒުވާނަކުވަނީ ނިޔާވެފަ އެވެ.

ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުން ދާތީ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނު ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒުވަނީ މިއަދު އަންގަވާފަ އެވެ.