ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް މިދިޔަ އަހަރު އެޗްޑީސީއަށް ދީފައިވާ ހުއްދަ ރައީސް ޑރ. މުހައްމަދު މުއިއްޒު ބާތިލުކުރައްވައިފި އެވެ.
ހުޅުމާލޭގައި ސްޕޯޓްސް ކާރަކުން ޖެހި ސައިކަލެއްގައި ދިޔަ ޒުވާނަކު އިއްޔެ ރޭ މަރުވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ކޮންޓްރޯލް ކުރުމަށާއި މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ. އެގޮތުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ރައީސް ވަނީ އިދާރާތަކަށް އަންގަވާފަ އެވެ.
ރައީސް މުއިއްޒު ކަމާބެހޭ މުއައްސަސާތަކަށް އެންގެވި ކަންކަމުގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޮބަރު 19 ގައި ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް އެޗްޑީސީއަށް ދީފައިވާ ހުއްދަ ވަގުތުން ބާތިލްކުރުން ހިމެނެ އެވެ. އަދި މަގުތަކަކީ އެންމެނަށް ވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށް، ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުމަށް ވެސް ރައީސް ވަނީ އަންގަވާފަ އެވެ.
ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވެސް ރައީސް އެންގެވި އެވެ. އަދި ވަކީ ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމު ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭގޮތަށް ވެސް ގާނޫނާއި ގަވާއިދު އިސްލާހު ކުރެއްވުމަށް ވެސް ނިންމެވި އެވެ.
ރައީސް ވަނީ އެއްގަމު އުޅަނދުތަކުގައި ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ވެސް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކޮށް، ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމަށާއި، ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ގްރެޖުއޭޓިން ލައިސަންސް ސިސްޓަމެއް ތައާރާފުކުރުމާއި، ގަވާއިދާ ޚިލާފަށް އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިންސަސުން ޕޮއިންޓް ކަނޑަން ފެއްޓުމަށާއި، މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން ކުރައްވާ މަސައްކަތް މިހާރަށް ވުރެ އިތުރުކޮށް ހަރުދަނާކުރުމަށް ވެސް ރައީސް ވަނީ އަންގަވާފަ އެވެ.
ރައީސް ވިދާޅުވީ މި ފިޔަވަޅުތަކަކީ ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ކޮންޓްރޯލްކޮށް، އާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކަމަށެވެ. އަދި މި ފިޔަވަޅުތައް އަޅަމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.