އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

އެ އޮފީހުން މިއަދު ހުޅުވާލާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށެވެ. ފޯމު ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. އެ ކޮމިޝަނުގެ މެމްބަރު ކަމަށް ފުއާދު އައްޔަނު ކުރީ ނޮވެމްބަރު 24، 2019 ގަ އެވެ.

ސިޔާސީ ޕާޓީތައް ވުޖޫދުވި ފަހުން ރާއްޖޭގައި 2008 ވަނަ އަހަރު ފުރަތަމަ ރިޔާސީ އިންތިހާބު ބޭއްވިއިރު ވެސް އެ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ފުއާދު ހުންނެވި އެވެ.

ގާނޫނުގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ ދައުރަކީ ފަސް އަހަރެވެ. ފުއާދުގެ އިތުރުން މިވަގުތު އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ޑރ. މުހައްމަދު ޒާހިރާއި އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ހަސަން ޒަކަރިއްޔާ އެވެ.