މި އަހަރަށް ސަބްސިޑީގެ ގޮތުގައި ބަޖެޓުކުރި އަދަދަށްވުރެ އިތުރަށް 335 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ މާލީ ތަފުސީލުތަކުގައިވާ ގޮތުން، މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ ވަނީ ބަޖެޓު ކުރެވުނު މިންވަރަށްވުރެ ބޮޑުތަނުން އިތުރުވެފަ އެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.89 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް ސަބްސިޑީގެ ހަރަދު ވަނީ 3.23 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހަރަދުކޮށްފައިވަނީ 1.84 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރުގެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 75.7 އިންސައްތައިގެ އިތުރުވުމެކެވެ.

ސަބްސިޑީ ނިޒާމުގެ ދަށުން ސަރުކާރުން އަންނަނީ ކާޑުގެ ބާވަތްތަކާއި ފެނާއި ކަރަންޓުގެ އިތުރުން ނަރުދަމާގެ ހަރަދުތަކުން ރައްޔިތުންނަށް ލުއި ފޯރުކޮށްދިނުމަށް ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރަމުންނެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ހޭދައެއް ކުރެވެނީ ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ، ސްޓެލްކޯއާއި ފެނަކައަށް މާކެޓް އަގަށްވުރެ ހެޔޮކޮށް ފޯރުކޮށްދިނުމަށެވެ.

މިއަހަރު ސަބްސިޑީ ހަރަދު މިހާ ބޮޑަށް އިތުރުވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ދުނިޔޭގެ ބާޒާރުގައްޔާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލާއި އަސާސީ އެހެނިހެން ތަކެތީގެ އަގުތައް އުފުލިގެން ދިއުމެވެ.

ސަބްސިޑީއަށް ކުރާ ހަރަދު ކޮންމެ އަހަރަކު ވެސް އިތުރުވަމުންދާއިރު، މިދިޔަ އަހަރު ވެސް ބަޖެޓުގައި ސަބްސިޑީއަށް ޖެހި އަދަދަށްވުރެ އިތުރަށް ވަނީ ހަރަދުކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު ސަބްސިޑީއަށް ބަޖެޓުކުރި 1.86 ބިލިއަން ރުފިޔާގެ ބަދަލުގައި އަހަރު ނިމުނުއިރު 3.45 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

ރާއްޖޭގައި ސަބްސިޑީއާއި އާސަންދަ ފޯރުކޮށްދޭ ނިޒާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ނިޒާމެއް ނޫންކަން ބައިނަލްއަގްވާމީ މާލީ އިދާރާތަކުންނާއި އޮޑިޓް ރިޕޯޓްތަކުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން މިއެހީތައް އެންމެ ހައްޤުވާ ފަރާތްތަކަށް އެކަނި ލިބޭނެ ގޮތަށް އިސްލާހުކުރުމަށް މާލީ އިދާރާތަކުން އަންނަނީ ލަފާދެމުންނެވެ.

ސަރުކާރުން ސަބްސިޑީ ނިޒާމު އިސްލާހުކުރުމުގެ ފިޔަވަޅުތަކެއް އެކުލަވާލި ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ ލުއިތަކަށް ބަދަލު އަންނާނެ ފަދަ ނިންމުމެއް ނުނިންމަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.