މަސްތުގެ ހާލަތުގައި އެއްގަމު އުޅަނދު ދުއްވި ކަމުގެ ކުށް ހޮލީވުޑްގެ ތަރި ޖަސްޓިން ޓިމްބާލޭކްގެ މައްޗަށް ސާބިތުވެ ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވައިފި އެވެ.

ޝަރީއަތުން އިއްވި ހުކުމުގައި ޖަސްޓިން 760 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށް 25 ގަޑިއިރުގެ އިޖުތިމާއީ ހިދުމަތް ކުރަން އޭނާއަށް ވަނީ އަންގާފަ އެވެ. އެއާއެކު 90 ދުވަހުގެ މުއްދަތަށް އޭނާގެ ލައިސެންސް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ސެގް ހާބާ ޕޮލިސް ޑިޕާޓްމަންޓްގެ ހަވާލުގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ހަރަކާތެއްގައި 25 ގަޑިއިރު ޖަސްޓިން ހިދުމަތް ކުރަން ޖެހޭނެ އެވެ.

ޝަރީއަތަށްފަހު ނެރުނު ބަޔާނެއްގައި ޖަސްޓިން ވަނީ މަސްތުގެ ހާލަތުގައި އެއްގަމު އުޅަނދު ނުދުއްވަން އާއްމުންނަށް އިލްތިމާސް ކޮށްފަ އެވެ.

"ކޮންމެ މީހަކު ވެސް މިކަމުން ފިލާވަޅު ލިބިގަންނާނެ ކަަމަށް އުއްމީދު ކުރަން. ހަމަ ގައިމުވެސް އަހަންނަށް ފިލާވަޅެއް ލިބިއްޖެ" ޖަސްޓިން ބުނެފައިވެ އެވެ.

ޖަސްޓިން ހައްޔަރު ކުރެވުނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ޓްރެފިކް ބަލަހައްޓަމުން ދިޔަ އޮފިސަރެއްގެ އަމުރަށް އޭނާ ދުއްވި ކާރު ނުހުއްޓުމުންނެވެ.

ހައްޔަރު ކުރުމަށްފަހު ހެދި ޓެސްޓުތަކުން އޭނާގެ ލޭގައި ރަލުގެ އަސަރު ހުރިކަން އެނގުމުން މަސްތުގެ ހާލަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލީ އެވެ.