ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާ މީހުންނަށް ކަރަންޓީން ނުވެ ދަތުރުކުރެވޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ވެކްސިން ނުޖަހާ ނަމަ ކުރިއަށް އޮތް ތަނުގައި ދުވަސްކޮޅަކުން ދަތުރުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހުން ގާތް ކަމަށެވެ. އަދި ކުރިއަށް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ދޫކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތިއްޔާ ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމް އެދިވަޑައިގަތީ އެންމެން ވެކްސިން ޖެހުމަށެވެ. އެޗްޕީއޭ އިން މިހާރު ވަނީ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ހުޅުވާލައިފަ އެވެ. އެތަނުގެ އަމާޒަކީ ރާއްޖޭގައި ވެކްސިން ޖެހޭ އެންމެންނަށް ހަ މަސް ތެރޭގައި ދެ ޑޯޒު ފުރިހަމަކުރުމެވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިން ޖަހާ މީހުން ދެނެގަނެވޭނެ ފަދަ ގޮތަކަށް އެހެން ގައުމުތަކުން އެކި ފިޔަވަޅުތައް އަޅަމުންދާ އިރު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުން އެނގޭނެ އިންތިޒާމު ހަމަޖައްސަން ބޭނުންވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ވެކްސިން ދިނުމެވެ. އެގޮތުން މިހާތަނަށް އައިއިރު އެއް ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ވެކްސިން ޖެހޭ އެންމެންނަށް ހަ މަސް ތެރޭގައި ދެ ޑޯޒު ފުރިހަމަ ކުރުމެވެ.