ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އަލަތު ދަރިފުޅު ވިހެއުމަށްފަހު ފުރަތަމަ ފަހަރަށް ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯންގެ ފެނިލުމެއް މީޑިއާއަށް ފެނިއްޖެ އެވެ.

ދީޕިކާ މީޑިއާއަށް ފެނިފައިވަނީ ރަންވީރާއި އެމީހުންގެ ދަރިފުޅާއެކު ހޮސްޕިޓަލުން ގެއަށް ދިޔަ މަގުމަތީގައި ދަތުރުކުރި ކާރުގެ ތެރެއިންނެވެ.

ކާރުގައި ދަރިފުޅު ގޮވައިގެން ދީޕިކާ އިންއިރު މިއީ މިފަހުން ދީޕިކާ މީޑިއާއަށް ފެނުނު ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް ދީޕިކާގެ ދަރިފުޅުގެ މޫނު މީޑިއާއަށް ފެނިފައެއް ނުވެ އެވެ.

ވިހޭތާ ގާތްގަނޑަކަށް ހަފްތާއެއް ފަހުން ދީޕިކާއާއި ދަރިފުޅު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާއިރު އެދެމައިންގެ ސިއްހަތު ވެސް ރަނގަޅު ކަމަށް ހަބަރުތައް ބުނެ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ރަންވީރާއި ދީޕިކާއަށް އަލަތު ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މިއަހަރުގެ ފެބްރުއަރީގަ އެވެ. އެ ދެމީހުންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

ރަންވީރާއި ދީޕިކާއަށް އަލަތު ދަރިފުޅު ލިބުމުގެ އުފަލުގައި ބޮލީވުޑްގެ ގިނަ ތަރިންނާއި އާއްމުން ވެސް އަންނަނީ އެ ދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ. ބައެއް ތަރިން ވަނީ ދީޕިކާއަށް ޒިއާރަތް ކުރަން ހޮސްޕިޓަލަށް ވެސް ގޮސްފަ އެވެ.