ރާއްޖޭގެ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން، ކުރިއަށް އޮތް 20 އަހަރަށް ހެދުމުގެ މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރައްވާފައި ވަނީ މިކަމާގުޅޭ ގޮތުން ވީޑިއޯ މެދުވެރިކޮށް މައުލޫމާތު ދެއްވަމުންނެވެ.

ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މި ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަންކުރައްވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ ކަމާގުޅޭ އެކިއެކި ތަޖުރިބާކާރުންނާއި އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމުގައި ރައީސް ވިދާޅުވި އެވެ.

އަދި މި ޕްލޭނަކީ ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ގާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށް ހާއްސަކޮށް މި ޕްލޭނަށް ގާނޫނެއްވެސް ހައްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކާއި ކުޅިވަރުކުޅޭ ފަރާތްތަކާއި ސިޔާސީ އެކިއެކިޕާޓީތަކާއި ގައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތް 20 އަހަރު ދުވަހަށް ގައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލު ކުރެއްވުންކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ މި މަސައްކަތް ފެށިގެންދާއިރު މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.