2000ގެ ކުރީކޮޅު ހިންދީ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ވިވެކް އޮބެރޯއީ މިވަނީ އަހަރުތަކަކަށްފަހު ބޮލީވުޑްގެ ފިލްމަކުން ފެނިގެން ގޮސްފަ އެވެ.

"އެންޓަޓެއިންމަންޓް ލައިވް"އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިވެކް ވަނީ ބޮލީވުޑްގައި އޭނާއަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުވާލާފަ އެވެ.

އެގޮތުން ބޮލީވުޑްގެ "ނުފޫޒުގަދަ" ބައެއް ފަރާތްތަކާ ޖެހުނު މައްސަލައެއްގެ ސަބަބުން އޭނާއަށް މަރުގެ އިންޒާރު ލިބި ސިފައިންގެ ފަރާތުން ހަތިޔާރާއެކު ރައްކާތެރިކަން ހޯދަން ޖެހުނު ކަމަށް ވިވެކް ބުންޏެވެ.

އެއާއެކު ވިވެކް ބުނެފައިވަނީ ފިލްމީ ދާއިރާގައި އޭނާއަށް މަސައްކަތްތައް ލިބުން ދަތިވި ކަމަށާއި ބޮލީވުޑްގެ ހުރިހާ ޕްރޮޑިއުސަރުން އޭނާ "ބޮއިކޮޓް"ކުރި ކަމަށެވެ.

"އަހަންނަށް އާއްމުންނާއި ބޮލީވުޑްގެ ބައެއް މީހުންގެ ފަރާތުން ފުރައްސާރަ ކުރިމަތިވި. ސޮއިކޮށްފައިވާ ގިނަ ފިލްމުތަކެއް ގެއްލުނު" ވިވެކް ބުންޏެވެ.

މަރުގެ އިންޒާރުތަކާއެކު އޭނާގެ އާއިލާގެ ރައްކާތެރިކަމާމެދު ސުވާލު އުފެދުނު ކަމަށާއި އެހެންވެ ފިލްމީ ދާއިރާއާ ދުރަށް ޖެހިލަން މަޖުބޫރުވީ ކަމަށް ވިވެކް ބުނެފައިވެ އެވެ.

ވިވެކް އިޝާރާތް ކޮށްފައިވާ ނުފޫޒުގަދަ ފަރާތްތަކަކީ ބޮލީވުޑްގެ ތަރި ސަލްމާން ޚާންއާއި އޭނާއަށް ވާގިދޭ ފަރާތްތަކެވެ. ސަލްމާންއާއި ވިވެކްއާ ދެމެދު މައްސަލަ ގޯސްވީ އައިޝްވާރްޔާ ރާއީގެ ސަބަބުންނެވެ.

ސަލްމާންއާއި އައިޝްވާރްޔާ ލޯބި ހިތި ގޮތަކަށް ނިމުމަކަށްފަހު އޭގެ ދުވަސްތަކެއް ފަހުން އައިޝްވާރްޔާ ވިވެކްއާ ގުޅުނު ކަމަށް އަޑުތައް އެރި އެވެ. ސަލްމާން އެކަމާ ހިތްހަމަ ނުޖެހި ވިވެކްއަށް ދަތިކުރަން ފެށީ ކަމަށް ހަބަރުތައް ބުނެ އެވެ.

ފިލްމީ ދާއިރާއާ ދުރަށް ދިއުމަށްފަހު ހުރިހާ ކަމަކުން ދުރުވުމުގެ ބޭނުމުގައި ވިވެކް ވަނީ އޭނާގެ އާއިލާއާއެކު ދިރިއުޅުން ދުބާއީއަށް ބަދަލުވެސް ކޮށްފަ އެވެ.

ވިވެކްގެ މިހާރުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން އޭނާ ފެނިފައިވަނީ ރޯހިތު ޝެޓީގެ "އިންޑިއަން ޕޮލިސް ފޯސް"އިންނެވެ.