ކޮވިޑް -19އާ ގުޅިގެން މެޑުކަނޑާލުމަށްފަހު ސްވިޓްޒަލެންޑުން ރާއްޖެއަށް ދަތުރުތައް މިމަހުގެ 26 ވަނަ ދުވަހު އަލުން ފަށަން ނިންމައިފަ އެވެ.

ސްވިޓްޒަލެންޑުން ރާއްޖެއާ ދެމެދު ބާއްވާ ސީދާ ދަތުރުތައް ކުރާނީ ސްވިޓްޒަލެންޑުގެ ލެޝޭ އެއާލައިން އިޑެލްވައިސްއިންނެވެ. މި އެއާލައިނަކީ ކުރިން ވެސް ރާއްޖެއަށް ދަތުރުކުރި އެއާލައިނެކެވެ.

މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް ދަތުރުތައް ފަށާ އެ އެއާލައިނުން ދަތުރުކުރާނީ ސްވިޓްޒަލެންޑުގެ ޒިއުރިކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ސްވިޓްޒަލޭންޑަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ސްވިޓްޒަލޭންޑް ހިމެނެ އެވެ. އެގޮތުން މިދިޔަ އަހަރު އެ ގައުމުން އެކަނި 33،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

އިޑެލްވެއިސްގެ ޗީފް ކޮމާޝަލް އޮފިސަރު ޕެޓްރިކް ހޭމަން ވިދާޅުވީ އެ އެއާލައިނުން ހަފުތާއަކު ދެ ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރާނެ ކަމަށެވެ. އަދި އެއާލައިންގެ ވެބްސައިޓުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް ރާއްޖެ އައުމަށް ބުކިން ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާ ނުވަ ވަނަ އެއާލައިން އެވެ.

އިޑެލްވެއިސްއިންގެ އިތުރުން ރަޝިއާގެ އޭރޯފްލޮޓާއި، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ސްރީލަންކަން އެއާލައިން، ޓާކިޝް އެއާލައިން، އެއާ އިންޑިއާ އަދި އިންޑިގޯއިން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.