ކުރަތްޕަކީ އަހަރުމެންގެ ގޭތެރޭގައި އެންމެ އާއްމުކޮށް އުޅޭ އެހެން ނަމަވެސް އެންމެ ގިނަ ބަޔަކު ޖެހިލުންވެސް ވާ ސޫތްޕެވެ. ހާއްސަކޮށް އަންހެނުން ކުރަފިދެކެ ބިރުގަންނަ މިންވަރު ބޮޑުއިރު މިއީ ސަމާސާއާއި ފުރައްސާރައިގެ މައުޟޫއަކަށްވެސް އޮންނަނީ ވެފަ އެވެ.

އެހެން ނަމަވެސް އަހަރުމެންނާ އަޅާ ބަލާއިރު ކުޑަކުޑަ އަދި ނިކަމެތި އެ ސޫފިދެކެ ބިރުގަންނަންވީ ކީއްވެތޯ ވެސް ސުވާލު އުފެދެ އެވެ. އެހެނީ ކޮކާފަދަ އެ ސައިޒުގެ އެހެން ސޫފިތައް ދެކެ ބިރުގަންނަ ވަރު ކުޑަ އެވެ.

ސައިންސްވެރިންގެ ހޯދުންތަކުން އެނގޭ ގޮތުގައި އިންސާނުން ކުރަފިދެކެ ބިރުގަންނަ އެތައް ސަބަބެއްވެ އެވެ. އޭގެ ތެރޭގައި އޭގެ ސިފައާއި އުޅުމާ ގުޅުންހުރި އެތައް ކަމެއްވެ އެވެ.

އެގޮތުން ބަލާއިރު އެންމެ ފުރަތަމަ ކަމަކީ ކުރަފީގެ ސިފަ އެވެ. ބަލާބެލުމަށް ބިރުވެރި އަދި ބީރައްޓެހި ސިފައެއް ފާޅުވާ ކުރަފީގެ ސިފައާއި އެއިން ދުވާ ވަހަކީ އޭގެ އެންމެ ކަމުނުދާ ސިފަ އެވެ.

ގިނަ ބަޔަކު ކުރަފިދެކެ ބިރުގަނޭ

އެއާއެކު ކުރަފި ހެލިފެލިވެ އުޅޭ ބާރުމިނުގެ ސަބަބުން އިންސާނުންނަށް ކުއްލި ސިހުމެއް ގެނުވާއިރު އެއީވެސް ކުރަފިދެކެ ގިނަ ބަޔަކު ބިރުގަންނަ އެއް ސަބަބެވެ.

މީގެ އިތުރުން ވެސް ކުރަތްޕަކީ އާއްމުކޮށް ތަޣައްޔަރު ވެފައިވާ ނުސާފު ތަންތަނުގައި އުޅޭ ބަލި ފަތުރާ ސޫތްޕަކަށްވާއިރު އެކަމަކީ އިންސާނުންގެ ސިކުނޑީގައިވާ ބިރު "ހޭލައްވާލާ" ކަމެކެވެ.

މިހުރިހާ ކަމަކަށް ބަލާއިރު ކުރަފިދެކެ ބިރުގަތުމަކީ ސައިންސްގެ ގޮތުން ބަލާއިރު ސަބަބު ކުރެވޭ ކަމެއްކަން ސާބިތުވެ އެވެ. އެއާއެކު އެނގިގެންދަނީ އެއީ ފިނޑިކަމުންވާ ކަމެއް ނޫން ކަމެވެ.